ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވާނެ ވެރިއެއް ނޫންކަމަށް މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިރޭ ޢަބްދުއްރަހީމް ވަނީ އިދިކޮޅު ފަރާތްތަކުން މި ސަރުކާރަށް ކުރަމުންދާ ތުހުމަތުތަކަށް ރައްދުދެއްވާފައެވެ. އެގޮތުން, މުލިއާގޭގައި މަޖިލިސް މެމްބަރުންނަށް ފައިސާ ބަހަމުން ގެންދާކަމަށާއި އަދި އެތަނުގައި މެޑަމް ސާޖިދާ ވެސް އެކި ސިޔާސީ މަސައްކަތް ކުރައްވާކަމަށް ރައީސް ޔާމީން ތުހުމަތު ކުރައްވާތީ އެ ވާހަކަ ޢަބްދުއްރަހީމް ވަނީ ދޮގުކުރައްވާފައެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މުލިއާގެއިން ފަންސާސްހާސް ރުފިޔާ ދޭކަމަށްބުނެ ދައްކާ ވާހަކައަކީ ދޮގެއްކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި މުލިއާގޭގައި ޖެހިހާ ސަކަރާތް މި ސަރުކާރުގެ ވެރިންނާއި އެހެން ބޭފުޅުން ތަރުހީބުދީ ހަމަ އެ މަގުން ހިނގަން ބޭނުން ނުވާކަމަށެވެ.

ޢަބްދުއްރަހީމް ވިދާޅުވީ އޭރު ވެރިކަމުގައި ކަންކަން ކުރިގޮތަށް މި ސަރުކާރުގައި ވެސް ކަން ކުރާނެކަމަށް ބައެއް ފަރާތްތަކުން ދެކޭކަމަށެވެ.

ނަމަވެސް, ޔާމީން ސަރުކާރުގައި މެޑަމް ފާތުމަތު އިބްރާހީމް މުލިއާގޭ ތެރޭ ޕެނަޑޯލް ބަންދުކުރަން އުޅުއްވިހެން އެކަހަލަ މަސައްކަތްތައް މުލިއާގޭތެރެއިން މި ފަސް އަހަރުތެރޭ ފެނިގެން ނުދާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި މި ސަރުކާރަށް ނުވަމަސް ވެގެންދިޔަ އިރު ސާޖިދާ ނުކުމެވަޑައިގެން މަޖިލިސް މެންބަރުން ގޮވައިގެން ޕެނަޑޯލް ބަންދުކުރައްވަން ހުންނަވަނިކޮށް ފެނިފައިވޭތޯ ޢަބްދުއްރަހީމް ވަނީ ސުވާލު ކުރައްވާފައެވެ.

އަދި ރައީސް ޑރ. މުޢިއްޒަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވާނެ ބޭފުޅެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން