ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުން
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުން
ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ހޯދަން ކުރި މަސައްކަތުގެ ތެރެއިން ހެލްތު މިނިސްޓްރީގެ ބިޑް ކޮމެޓީން އޮޅުވާލީ ގަސްތުގައި ކަމަށް ޤަބޫލު ކުރެވޭ ކަމުގައި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާ ގުޅޭ ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ، ތަކެތި ހޯދަން ހަވާލު ކުރާ ކުންފުނީގެ މާލީ ގާބިލްކަމާއި ފަންނީ ގާބިލްކަށް ބެލުމަކީ ބިޑު ކޮމެޓީގެ ޒިންމާއެއް ކަމަށާއި އެހެން ނަމަވެސް އެކަން އެއްވެސް ވަރަކަށް ކޮށްފައި ނުވާކަމަށެވެ. އެހެންކަމުން ބިޑު ކޮމެޓީގެ އިހުމާލު ވަރަށް ބޮޑު ކަމަށާއި މާލީ ޒިންމާދާރު ވެރިޔާގެ އިހުމާލު ވެސް އެބައޮތް ކަމަށެވެ.

މިއީ ތަހުގީގު އިދާރާތަކުން ތަހުގީގުކޮށް، ބަލަންޖެހޭ ކަމެއް ކަމަށް ފާހަގަކުރަށްވައި ޒިޔަތު ވިދާޅުވީ، ވެންޓިލޭޓަރުތައް ހޯދުމަށް ޑަބްލިޔުއެޗްއޯއާ ހެލްތް މިނިސްޓްރީއާ ދެމެދު ހިނގާފައިވާ މުއާމަލާތުގެ ހަމައެކަނި ލިޔުމަކީ މިއަހަރުގެ މާރޗް 31 ގައި ޑަބްލިޔުއެޗްއޯގެ މުވައްޒަފެއް ފޮނުވާފައިވާ އީމެއިލެއް އެކަނި ކަމަށެވެ.

އެހެންނަމަވެސް އެ އީމެއިލްގައިވެސް ދުބާއީ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގގެ ނަމެއް ނެތް ކަމަށާއި އެއީމެއިލްގައި އޮތީ، މީހެއްގެ ނަމެއް ކަމަށާއި އޭނާއާ ގުޅައިގެން ވެންޓިލޭޓަރު ލިބޭ ގޮތެއް ހޯދިދާނެ ކަމަށެވެ. ނަމަވެސް އެއީ އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގއާ ގުޅުން އޮތް ބޭފުޅެއް ކަމަށް ނުބެލެވޭ ކަމަށާއި، އަދި އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގ ކުންފުނި ހޯދައި އެކުންފުންޏާ ވެންޓިލޭޓަރު ގަތުމަށް ހަވާލު ކުރުމުގެ މަރުހަލާ ކުރިއަށް ދިޔަ ގޮތް ހޯދޭނީ އިތުރަށް މި މައްސަލަ ތަހުގީގު ކޮށްގެން ކަމަށް ޒިޔަތު ވިދާޅުވިއެވެ.

ޒިޔަތު ވިދާޅުވީ، ބިޑު ކޮމެޓީއަށް ފައިނޭންސް އެގްޒެކްޓިވް ފޮނުވި ލިޔުމުގައި ވެސް ވަނީ ވަކިބަޔަކު ސެލެކްޓް ކޮށްފައިކަމަށާއި، އެ މެމޯގައިވެސް ބުނެފައިވަނީ އެއީ ޑަބްލިޔުއެޗްއޯގެ ކަންޓްރީ ރެޕަރެސެންޓޭޓިވް އާއި މިނިސްޓަރާ މަޝްވަރާ ކުރެވިގެން ހަމަޖައްސާފައިވާ ފަރާތެއް ކަމަށެވެ. ޑަބްލިޔުއެޗްއޯއިން އޮޑިޓް އޮފީހަށް ފޯރުކޮށްދިން މައުލޫމާތާއި ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ބިޑު ކޮމެޓީގެ އިހުމާލު ވަރަށްބޮޑު ކަމަށާއި، މާލީ ޒިންމާދާރުވެރިޔާގެ އިހުމާލުވެސް އޮތް ކަމަށް ޤަބޫލު ކުރެވޭކަމަށް ޒިޔަތު ވިދާޅުވިއެވެ.

ޒިޔަތު ވިދާޅުވީ، ޑަބްލިޔުއެޗްއޯއާ މުއާމަލާތް ކުރުމުގެ ކުރިން، ހެލްތް މިނިސްޓްރީން ވެންޓިލޭޓަރު ގަތުމަށް ފިނޭންސް މިނިސްޓަރުގެ ފަރާތުން "ސިންގަލް ސޯސް"ގެ ހުއްދައަކަށް އެދިފައިވާ ކަމަށެވެ. އަދި އެ ހުއްދައަށް އެދުނުއިރު، ޑަބްލިޔުއެޗްއޯއާ އެކު ކޮށްފައިވާ އެއްވެސް މުއާމަލާތެއް ނެތް ކަމަށާއި އަދި ފިނޭންސް މިނިސްޓްރީއަށް ފޮނުވި އެ ސިޓީއާއެކު އެއްވެސް ޑޮކިއުމެންޓެއް ވެސް ހިމަނާފައި ނުވާ ކަމަށެވެ.

ޒިޔަތު ވިދާޅުވީ، ޑަބްލިޔުއެޗްއޯގެ ބައިވެރިވުން މިކަމުގައި އެއްވެސް ވަރަކަށް ނެތް ކަމަށާއި، ފިނޭންސް މިނިސްޓްރީގެ ބަހަކަށް އޮތީވެސް، ބިޑު ކޮމެޓީ މަޝްވަރާކޮށް، އަދި މާލިއްޔަތު ގަވާއިދާ އެއްގޮތަށް ވެންޓިލޭޓަރު ގަތުމުގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ. އެހެންކަމުން ފިނޭންސް މިނިސްޓްރީގެ ބައިވެރިވުމެއް މިކަމުގައި ނެތް ކަމަށް ޒިޔަތު ވިދާޅުވިއެވެ.

އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންއަކީ، ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުންޏެވެ. އެމީހުން ރާއްޖެއަށް ވެންޓިލޭޓަރެއް ފޯރުކޮށްދޭނެ އަގެއް ކަމަށް ބުނެފައިވަނީ، 32،500 ޑޮލަރަށެވެ.

މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހު، 34 މިލިއަން ރުފިޔާ އަށް ވެންޓިލޭޓަރުތައް ގެނައުމުގެ އެގްރީމަންޓްގައި ސޮއިކޮށްފައިވާއިރު، އެޑްވާންސަށް 30.9 މިލިއަން ރުފިޔާވެސް އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންއަށް ވަނީ ދައްކާފައެވެ. އެގްރީމަންޓްގައި 14 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ރާއްޖެ ގެނެވޭނެ ކަމަށް ބުނެފައިވާއިރު، މިހާތަނަށް އެ ވެންޓިލޭޓަރުތައް ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ހަސަން މުސާ

19-Aug-2020

ޏަޒިމ ޏަޒިމ ، ތީ ހަމަ ހުސް ރޯމަރު ދޮގު އޮޅުވާލުން ޙަސަދަ ރުޅިވެރިކަން. ތިޔަވިދާޅުވި އެއްވެސް ތަނެެއް ވިއްކައެއް ނުލާ. އެއަރޕޯރޓް ދިނީ ކުއްޔަށް. އެއްވެސް ޖުންފުންޏެއް އެއިން ތަނެެއް ނުވިއްކާ، ޝެއަރތަކެއް ވިއްކި ކަން ޔަޤީން އެއި ދުނިޔޭގެ ހުރިހާތަނެއްގާވެސް ގަނެ ވިއްކާއެއްޗެއް . ޙިއްސާގެ ބާޒާރު ކިޔަނީ އެހެންވެ. ވީމާ ކިތަންމެ ފޫހިވިޔަސް ރުޅި އަޔަސް އެބަޔަކާމެދު ތެދުބަހުން ވާހަކަ ދައްކަވާ ހެޔޮގޮތުގައި ހުންނެވުންއެދި ވަރަށް އަދަބު އިޙުތިރާމާއި އެކު ދަންނަވާލަން. ވެދުން ސަލާމް.



ޓްރެންޑިން