ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން 2015 ވަނަ އަހަރު "ފިނިފެންމާ" ލޯންޗުގައި ގޮއްވާލި ހާދިސާއަކީ ޑްރާމާއެއް ނަމަ އޭގެ ސްކްރިޕްޓް ލިޔުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ސަންގު ޓީވީން ގެެނެސްދިން ޕްރޮގްރާމެއްގައި އަބްދުއް ރަހީމް ވަނީ 2015 ވަނަ އަހަރު ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާއާމެދު ޝައްކު އުފައްދަވައިފަ އެވެ.

އަދި އެއީ އެ ލޯންޗުގައި އިންނެވި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ކުޅުއްވި ޑްރާމާއެއް ނޫންބާއޭ ހިތަށް އަރާވަޑައިގަންނަވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވެފައި ވެއެވެ.

ރޭ ރައީސް ޔާމީންގެ ޕާޓީ، ޕީއެންއެފުން ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ އަބްދުއްރަހީމްގެ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ރައީސް ޔާމީން ރޭ ވިދާޅުވީ ފިނިފެންމާގެ ހާދިސާއާ ގުޅިގެން ކުރިން އެފަދަ ގޮތަކަށް އަބްދުއްރަހީމް ވާހަކަ ނުދައްކަވާ ކަމަށެވެ.

"ފިނިފެންމާ ލޯންޗު ގޮއްވައިލި ގޮއްވައިލުމަކީ ޑްރާމާއެއްތޯ ސުވާލުކޮށްފައި އޮތީމާ ހިތުގައި އުފެދޭ ޑްރާމާއެއްތޯ. އެހެންވީމާ އަޅުގަނޑަށް ހީވަނީ އޭގެ ސްކްރިޕްޓް ލިޔެދީފައި މި ވަނީ އަބްދުއްރަހީމޭ އިނގޭތޯ. އެ ޑްރާމާގެ ސްކްރިޕްޓް ލިޔެދީފައި އޮތީ އަބްދުއްރަހީމް،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެ ލޯންޗު ގޮއްވާލީ ހާދިސާ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަންގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މިހާރުގެ ހޯމް މިނިސްޓަރު އަލީ އިހުސާން ހުންނެވި އިރު އަބްދުއްރަހީމްގެ ވާހަކަތަކާ ގުޅިގެން އެއްޗެއް ވިދާޅުވެފައި ނުވާތީވެސް ރައީސް ޔާމީން އިހުސާނަށް ވެސް ރޭ ފާޑު ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް މިވަރުގެ ޣައިރު ޒިންމާދާރު ވާހަކައެއް ބުނީމާ ނޫނީ މިވަރުގެ ތެދު ވާހަކައެއް ބުނީމާ މީނާ ޖަވާބުދާރީ ވުމަކީ ނޫނީ ނުވުމަކީ ތަހުޒީބީ އަމަލެއްތޯ؟ ނޫނީ ނާތަހުޒީބީ އަމަލެއްތޯ؟" ޔާމީން ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން