އާންމު ތަންތަނުގައި ރައީސް އުޅުއްވާ ވަގުތުތަކުގައި އެމަނިކުފާނުގެ ފޮޓޯ ނެގުން މަނާކުރާ ގާނޫނެއް ނެތީސް، ރައީސް އެފަދަ ތަނެއްގައި ހުންނަވަނިކޮށް ފޮޓޯ ނެގި މީހެއްގެ ފޯނު ހިފެހެއްޓުމުން އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ، މިފަހުން ރައީސްގެ ދެކަނބަލުން އަމިއްލަ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެން މޯލެއްގައި އުޅުއްވަނިކޮށް ދިވެއްސަކު އެމަންޒަރު ފޮޓޯ ނަގައި މީސްމީޑިއާގައި އާންމުކުރުމާ ގުޅިގެން އޭނާ ހޯދައި އޭނާގެ ފޯނު ހިފަހައްޓާފައި ވާކަމަށް އަޑުފެތުރިފައި ވަނިކޮށް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ފައްޔާޒު ވިދާޅުވީ، ގާނޫނަކުން ކަނޑައެޅިގެން މަނާ ނުކުރާ ކޮންމެކަމެއް ކުރުމުގެ ހައްގު ލިބިގެންވާކަމަށް ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ކަމަށެވެ. އަދި އެ ހައްގު އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި އެއްގޮތަށް ފާސްކުރާ ގާނޫނަކުންކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އަދި ރައީސް އާންމު ތަނެއްގައި އުޅުއްވާ މަންޒަރު ފޮޓޯނަގައި އާންމުކުރުން މަނާކުރާ ގާނޫނެއް ނެތީސް އެ އަމަލާ ގުޅުވައި މީހެއްގެ މައްޗަށް ޖިނާއީ ކުށްތަކެއްގެ ތުހުމަތުކޮށް ޒާތީ މުދާ އަތުލުމުގެ އަމުރަށް އެދުމާއި އެފަދަ އަމުރު ނެރެދިނުމަކީވެސް ކަންބޮޑުވާކަމެއްކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މީ މި ދައުލަތުން ގާނޫނުގެ ވެރިކަމުގެ ސިފަތައް ނެތިގެން ދާކަމުގެ ނުރައްކަލުގެ "ފެހި ސިގްނަލެއް" ކަމަށާއި ޒާތީ މަސްލަހަތަށްޓަކައި ރާއްޖޭގެ އަދުލުގެ ނިޒާމު ގަޑުބަޑު ނުކުރުމަށް ރައީސަށް ގޮވާލައްވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ފޯނު ހިފެހެއްޓީ އެމަނިކުފާނުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވާގޮތަށް ފޮޓޯ ނަގާފައިވާކަމުގެ ތުހުމަތުގައެވެ. މިކަމާއި ގުޅިގެން އިތުރު މައުލޫމާތެއް ނުދީ ފުލުހުން ވެސް މީޑިއާތަކަށް ބުނެފައިވަނީ ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ދިވެހި ފިރިހެނެއްގެ ފޯނު ހިފަހައްޓާފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން