ގައުމިއްޔަތުގެ ނަމުގައި ފިތުނައާއި ނަފްރަތު އުފެއްދުމަށް ޖާގަ ދީގެން ނުވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުން ފޮނުއްވައި ޝާހިދު އެކްސްގައި ވިދާޅުވީ ދިވެހި ގައުމިއްޔަތު ބިނާކުރެވިފައިވަނީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މައްޗަށް ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު އިތުރަށް ވިދާޅުވީ ދިވެހީންނަކީ އެއްދީނެއްގައި ތިބި، އެެއްބަހަކުން ވާހަކަދައްކާ، އެއްނަސްލެއްގެ އެއްބައެއް ކަމަށެވެ. އަދި މިއީ ދުނިޔޭގެ މަދުބަޔަކަށް ނޫނީ ލިބިފައިނުވާ މަތިވެރި ނަސީބެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެހެން ނަމަވެސް ގައުމިއްޔަތުގެ ނަހަމަ ފައިދާ ނަގައިގެން ނުވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"ގައުމިއްޔަތުގެ ނަމުގައިވިޔަސް އަޅުގަނޑުމެންގެ މެދުގައި ބައިބައިވުން އުފައްދައި، ފިތުނައާއި ނަފުރަތު ފެތުރުމަށް ޖާގަ ދެވިގެންނުވާނެ. އެކަންވެގެންދާނީ ގައުމިއްޔަތަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމުގައި." ޝާހިދު ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ގައުމިއްޔަތަށް ދޭ އަހައްމިއްޔަތުކަން ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން މިއަދު ވަނީ ފުރަތަމަ ފަަހަރަށް ގައުމިއްޔަތުގެ ޝަރަފްވެރިކަމުގެ އިނާމުވެސް ދީފަ އެވެ. އަދި ސްކޫލުތަކުގައި ވެސް ހާއްސަ މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ކިޔަވައިދޭން ވަނީ ފަށާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން