ބިދޭސީން އުޅެނީ ގަވާއިދާ އެއްގޮތަށްތޯ ބަލައިލެވޭ އެޕްލިކޭޝަނެއް ތައާރަފް ކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ފަށައިފިއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީން އުޅެނީ ގަވާއިދުގެ ތެރެއިންތޯ ބެލުމަށް އެޕްލިކޭޝަނެއް ތައާރަފުކުރުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފިއެވެ. މި އެޕްލިކޭޝަން ތައާރަފްވުމުން އިމިގްރޭޝަންގެ އޮފިސަރުންނަށް ފަސޭހަކަމާއެކު ބިދޭސީ މީހާ އުޅެނީ ގަވާއިދުގެ ތެރެއިންތޯ ބަލައިލެވޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

އަލަށް ތައާރަފް ކުރެވިގެންދާ މި އެޕްލިކޭޝަންގެ ސަބަބުން އިމިގްރޭޝަންގެ މަސައްކަތަށް ފަސޭހަ ލިބިގެންދާނެ އިރު މިއީ އެ އިދާރާގެ ޚިދުމަތްތަކަށް ޒަމާނީ ބޮޑެތި ބަދަލުތައް ގެނައުމުގެ މަސައްކަތުގެ ދަށުން ކުރެވޭކަމެއް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މީގެކުރިން އިމިގްރޭޝަންގައި މަސައްކަތްތައް ކުރެވެމުންދިޔައީ މެނުއަލްކޮށް ކަމަށާއި އެކަން ބަދަލުކޮށް ޒަމާނާ އެއްގޮތަށް މަސައްކަތް ޑިޖިޓަލައިޒްކުރައްވަން މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.

ޝަމްޢާން ވިދާޅުވީ އިމިގްރޭޝަން ވޮޗަކީވެސް މީގެ ބައެއް ކަމަށެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް"ގެ އޮންލައިން ޕްލެޓްފޯމެއް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ 17 ޖުލައިގައި ތައާރަފް ކޮށްފައެވެ. އިމިގްރޭޝަން ވޮޗް މެދުވެރިކޮށް އާންމުން ހުށަހަޅާ މައްސަލަތައް ބަލައި، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަނުން ދަނީ ޑީޕޯޓް ކުރަމުންނެވެ.

މިއަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި 3300 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ގަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި ޑޮކިއުމަންޓްތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން