ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ރާއްޖޭގެ ކޮންޓްރެކްޓަރސް ރެޖިސްޓްރީއަކީ ކުދި ކުންފުނިތަކަށް ބޮޑު ބޭއިންސާފެއް ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ޝަރީފް ވަނީ ކޮންޓްރެކްޓަރސް ރެޖިސްޓްރީ ސަރުކާރުން އެކުލަވާލާފައިވަނީ، "މަސީ" ގެ ބޯޑް މެމްބަރުންގެ ނުފޫޒު އޭގައި ވަރަށް ބޮޑަށް އެކުލެވިގެން ކަމަށް ތުހުމަތު ކުރަށްވާފައެވެ. އެގޮތުން އޭނާ ވަނީ، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާއި، ޤަވާޢިދު ހަދާ ކޮމިޓީތަކުގައި މަސީގެ ބޯޑު މެމްބަރުން ތިއްބަވާ ކަމަށް ވިދާޅުވެފައެވެ.

"މިހާރު ހަދާފައި އޮންނަ އުސޫލުން ފުރޭނިގެންވެސް ކުދި ކޮންޓްރެކްޓަރުންނަށް ޓެންޑަރ އެއް ކާމިޔާބެއް ނުކުރެވޭނެ." ކަންބޮޑުވުން ފާޅުކުރަށްވައި ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.



ޝަރީފް ވިދާޅުވީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގައި ކުރިއަށް ގެންދާ ޕީއެސްއައިޕީ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާނުލާނެކަމަށް ސަރުކާރުން އިޢުލާނުކޮށްފައިވާ ކަމަށާއި، އަދި އެގޮތަށް އެކަން ކުރަނީ އިޤްތިޞާދީ ދުވެލި މަޑުޖެހުނަ ނުދީ ފައިސާ ދައުރުވުން އިތުރުކުރުމަށް ކަމަށް ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެފަދަ މަޝްރޫޢުތަކުގެ 90 އިންސައްތަ ހިންގަނީ ސަރުކާރު ޙިއްސާވާ ކުންފުނިތަކުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެހެން ކަމުން ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޚިދުމަތްތަކާއި މުދާވަނީ ސަރުކާރު ކުންފުނިތަކުން ކޮންޓްރޯލް ކޮށްފައި ކަމަށް ތުހުމަތުކުރައްވައި ޝަރީފް ވަނީ ސަރުކާރު ކުންފުނިތަކުން ވިޔަފާރިތަކާއި، އެކި ދާއިރާތައް މޮނޮޕޮލައިޒް ކުރަމުންދާ ދިއުން ނިމުމަކަށް ގެނައުމަށް ގޮވާލައްވާފައެވެ. އަދި ރާއްޖޭގެ މުޅި އިޤްތިޞާދީ ސިޔާސަތު ވަނީ ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ހިމާޔަތަށް ބިނާކޮށްފައި ކަމަށް އިޤްތިޞާދީ ދާއިރާގެ ތަޖުރިބާކާރު ޝަރީފް ވިދާޅުވެފައިވެއެވެ.

ޝަރީފް ވިދާޅުވީ އެކަމުގެ ސަބަބުން ކުދި ކުންފުނިތަކަށް މިއަދު ޓެންޑަރެއް ކާމިޔާބު ކުރުމުގެ ފުރުޞަތެއް ނެތް ކަމަށެވެ.

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިޞާދުގައި މުހިންމު ދައުރެއް އަދާކުރަމުން ދިޔަ ކުދި ކުންފުނި ތަކާއި ކުދި ވިޔަފާރިތައް ވަނީ މުޅިންހެން ހުއްޓި ބަނގުރޫޓުވުމުގެ މަގުމަތީގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް