މަސްވެރިކަން ފާހަގަކުރެވޭ ވަރަށް ކުރިއަރަމުންދާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް (މިފްކޯ) އިން ހާމަކޮށްފިއެވެ.

މިފްކޯ އިން ބުނީ ރާއްޖޭގެ މަސްވެރިކަން ފާހަގަކުރެވޭ ވަރަށް ކުރިއަރަމުންދާކަމަށާއި މަސްދޯނިތަކުން އެ ކުންފުންޏަށް މަސްކިރުވާ އަދަދުވެސް މަތިވަމުން އަންނަ ކަމަށެވެ.

މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، އޯގަސްޓު މަހުގެ ފަހު ހަފްތާގައި މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް ވަނީ ލިބިފައެވެ. އެގޮތުން އޯގަސްޓް 24 އިން 29 އަށް، 119 ދޯންޏަކުން ޖުމްލަ 415 ޓަނުގެ މަސް ކިރާފައިވާއިރު، އެންމެ ގިނަ މަސް ކިރި ދުވަހަކީ އޯގަސްޓު 29 އެވެ. އެދުވަހު 30 ދޯންޏަކުން 113.60 ޓަނުގެ މަސް ކިރާފައިވެއެވެ.

އޯގަސްޓު 31 އިން ސެޕްޓެންބަރު 5 އަށް މިފްކޯއަށް މަސް ކިރި އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މި މުއްދަތުގައި 192 ދޯންޏަކުން 467.80 ޓަނުގެ މަސް ވަނީ ކިރާފައެވެ. އަދި އެންމެ ގިނަ މަސް ކިރި ދުވަހަކީ ސެޕްޓެންބަރު 3 އެވެ. އެދުވަހު 44 ދޯންޏަކުން 135.6 ޓަނުގެ މަސް ކިރާފައިވެއެވެ.

މިފްކޯއިން ބުނީ މި މުއްދަތުގައި އެންމެ ގިނައިން މަސް ކިރާފައިވަނީ މުލަކަތޮޅާއި ހުވަދުއަތޮޅު ދެކުނުބުރީގެ މަސްވެރިން ކަމަށެވެ. މި ތަފާސްހިސާބުތަކުން ދޭހަވަނީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުންދާ ކަމެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހާ ހަމައަށް، މަސްވެރިންނަށް 71 މިލިއަން ޑޮލަރު ދޫކުރެވިފައިވާ ކަމަށް މިފްކޯއިން މިގެކުރިން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން