ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށްޓަކައި ބުދަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލިސް މިވަގުތު ޗުއްޓީގައި އޮތް އިރު ޕީޖީގެ މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ފޯމު ރައީސް އޮފީހަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ އަދި ބުދަ ދުވަހު އެވެ.

ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށް މަޖިލީހުގެ ދެ ޖަލްސާ ބާއްވަން ޖެހޭނެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންފުޅެއް ފޮނުއްވުމުން އެ ނަންފުޅު ހުށަހެޅުއްވުމަށް ބާއްވާ ޖަލްސާ އާއި ކޮމެޓީ މަރުހަލާ ނިމި ރައީސް ފޮނުއްވަވާ ނަންފުޅަށް ގޮތެއް ނިންމެވުމަށް ބާއްވާ ޖަލްސާއެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ. ޕީޖީ ޝަމީމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ޕީޖީގެ އޮފީހުން ހާމަކޮށްފައިވަނިކޮށެވެ.

ޝަމީމް ވަކިކުރަން މަޖިލީހުން ފާސްކޮށްފައިވަނީ 65 މެންބަރުންގެ ވޯޓުންނެެވެ. ޝަމީމް ވަކިކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އިންނެވީ އެންމެ މެންބަރެކެެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގައި ބުނެފައިވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެމަޤާމަށް ބޭފުޅަކު އައްޔަނު ކުރަންވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން