ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން
ޤާނޫނުތައް ހެދިފައިވަނީ އެކަކު ނުވަތަ ދެމީހެއްގެ މަސްލަޙަތަކަށް ނޫން ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާ ލައްވަމުން ޝައްމާން މިއަދު ވިދާޅުވީ އާއްމު އެންމެހާ ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤާނޫނުތައް ތަންފީޒުކުރުމުން އެކަމާ ހިތްހަމަނުޖެހޭ ބަޔަކުވެސް އުޅޭނެ ކަމަށެވެ.

އެހެންނަމަވެސް ކުރިން ޤާނޫނު ތަންފީޒުނުކޮށް އޮތުމަކީ މިއަދު ހަމައެގޮތަށް އެކަން އޮންނަން ޖެހޭނެ ހުއްޖަތެއް ނޫންކަމަށާއި މަޤާމުގެ ޒިންމާ އަދާކުރަށްވާނެ ކަމަށް ޝައްމާން ވަނީ ވިދާޅުވެފައެވެ.

“އެންމެންގެ ރައްކާތެރިކަމަށްޓަކައި އިމިގްރޭޝަނަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރާނެ ކަމުގެ ޔަގީންކަން އަރުވަން.” ޝައްމާން މިއަދު ވިދާޅުވިއެވެ.

ހަމައެއާއެކު ޝައްމާން ވަނީ އިމިގްރޭޝަން ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުށް ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ ކުށެއް ކަމަށްވެސް ވިދާޅުވެފައެވެ.

އަދި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުފުޅުގެ ދަށުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އާންމު ސިއްޙަތުގެ ރައްކާތެރި ކަމަށާއި ސަލާމަތަށް ނުރައްކާވާފަދަ ގޮތަށް ޤަވާޢިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ކެއިންބުއިމާއި، ނިދުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާއިމެދު، ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޝައްމާން ވިދާޅުވިއެވެ.

އޭގެއިތުރުން ޝައްމާން ވިދާޅުވީ އިމިގްރޭޝަން ޤާނޫނުން ހާސިލުކުރަން ބޭނުންވާ މަގްސަދުތައް ހާސިލުވިޔަ ނުދިނުމުގެ ގޮތުން އަމަލެއް ކުރުމަކީވެސް ކުށެއް ކަމަށާއި އެފަދަ ފަރާތްތަކާއިމެދު އެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

އިމިގްރޭޝަން ޤާނޫނުގެ 33 ވަނަ މާއްދާގައި ބުނެފައިވަނީ އެޤާނޫނުން ހާސިލުކުރަން ބޭނުންވާ މަޤްޞަދުތައް ހާސިލުވިޔަ ނުދިނުމުގެ އަމަލެއް ކުރީ ދިވެހި ރައްޔިތެއްނަމަ އެމީހެއްގެ އަދަބަކީ ބައިލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން ޢަދަދަކުން ޖޫރިމަނާކުރުން ކަމަށާއި މީގެއިތުރުން އެމީހެއްގެ ޕާސްޕޯޓު ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ އިޚްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ލިބިގެންވާ ކަމަށެވެ.

އޭގެ އިތުރުން ކުށް ކުރީ ބިދޭސީއަކުނަމަ، އެމީހެއްގެ އަދަބަކީ ފަނަރަހާސް ރުފިޔާއާއި ބައިލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ކަމަށާއި މީގެއިތުރުން އެމީހަކު ވަކިމުއްދަތަކަށް ދިވެހިރާއްޖެއަށް ނާދެވޭގޮތަށް ފޮނުވާލުމުގެ އިޚްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ލިބިގެންވާ ކަމަށެވެ.

އިމިގްރޭޝަނުން ދަނީ ކޮންމެ ރެއަކުހެން ރެއިޑް އޮޕަރޭޝަންތައް ހިންގައި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިގަންނަމުންނެވެ. އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ 3،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައި ވާއިރު ބިދޭސީން ހިންގަމުންދިޔަ ގިނަ ވިޔަފާރިތަކެއް އިމިގްރޭޝަނުން ވަނީ ހުއްޓުވާފައެވެ.

ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާއިރު ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ފަށާފައިވާ "ކުރަނގި" ޕްރޮގްރާމްގެ ދަށުން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު ނަގާ ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން