އިމިގްރޭޝަންގެ އޮޕަރޭޝަންގެ ތެރެއިން
އިމިގްރޭޝަންގެ އޮޕަރޭޝަންގެ ތެރެއިން
އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ތޮއްޖެހިގެން ގަވާއިދާ ހިލާފަށް މާލެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް ހާއްސަ އޮޕަރޭޝަނެއް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފިއެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނެއް ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

އިމިގްރޭޝަނުން ބުނީ އެމަސައްކަތުގެ ދަށުން އިއްޔެ، މާލޭގެ 03 ގެއެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅޭ 13 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި މާލޭ ސަރަހައްދުގައި ބިދޭސީން ތޮއްޖެހިގެން ދިރިއުޅޭ ހުރިހާ އެކޮމަޑޭޝަންތައް ބަލާ ފާސްކުރާނެކަަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.

އަދި މި އޮޕަރޭޝަންގެ މަޤްޞަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށްް އަވަސް ޙައްލެއް ހޯދައި ޢާއްމު ސިއްޙަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުންކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ބުނީ އާންމު ސިއްޙަތުގެ ރައްކާތެރި ކަމަށާއި ސަލާމަތަށް ނުރައްކާވާފަދަ ގޮތަށް ޤަވާޢިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ކެއިންބުއިމާއި، ނިދުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާއިމެދު، ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުށް ފިޔަވަޅު އަޅާނެ ކަމަށެވެ.

އިމިގްރޭޝަނުން ދަނީ ކޮންމެ ރެއަކުހެން ރެއިޑް އޮޕަރޭޝަންތައް ހިންގައި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިގަންނަމުންނެވެ. އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ 3،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައި ވާއިރު ބިދޭސީން ހިންގަމުންދިޔަ ގިނަ ވިޔަފާރިތަކެއް އިމިގްރޭޝަނުން ވަނީ ހުއްޓުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން