ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވި، ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އަދި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފާ މެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށްޓަކައި ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ރޭ ވަނީ ބާއްވައިފަ އެވެ. އަދި ޕީޖީއަކަށް އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅު ވަނީ މަޖިލީހުގައި ތަޅުމުގައި އިއްވަވައިފަ އެވެ.

ރައީސްގެ ސިޓީފުޅުގައިވާ ގޮތުން ޕީޖީގެ މަގާމަށް އައްޔަނުކުރައްވަންް ރައީސް ހުށަހެޅުއްވީ އައްބާސްގެ ނަމެވެ.

އައްބާސްއާއެކު ޕީޖީގެ މަގާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައް ވެސް ސިޓީއާއެކު ފޮނުއްވާފައި ވެއެވެ. އެހެން ނަމަވެސް އެ ނަންތައް ރޭ ހާމައެއް ނުކުރެއެވެ.

ރައީސްގެ ހުށަހެޅުއްވުމާ އެއްގޮތަށް އައްބާސް ޕީޖީގެ މަގާމަށް އައްޔަންކުރުމުގެ މައްސަަލަ އިތުރަށް ދިރާސާކުރަން ރޭ ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

އޭގެ ފަހުން ރޭ ޖުޑިޝަރީ ކޮމިޓީން ވެސް ވަނީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި އައްބާސްއާ މެދު ޝާކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ފާސްކޮށްފަ އެވެ.

އެގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން އޭނާ މަގާމުން އިސްތިއުފާ ދެއްވުމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން