ޅ. އަތޮޅުން ހައްޔަރުކުރި މީހުން
ޅ. އަތޮޅުން ހައްޔަރުކުރި މީހުން
ތިން ލައްކައާއި ގާތްކުރާ އަދަދަކަށް ފައިސާއާއި މަސްތުވާތަކެއްޗާއެކު 5 މީހަކު ޅ އަތޮޅުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ޅ. ހިންނަވަރާއި ނައިފަރުގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނެއްގައި ޖުމުލަ ފަސް މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މި އޮޕަރޭޝަންގައި ހިންނަވަރާއި ނައިފަރު ހިމެނޭގޮތަށް 12 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެތަންތަނުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 86.26 ގްރާމް ހުރިި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މަސްތުވާތަކެތީގެ އިތުރުން އެތަންތަނުން 293،000 ދިވެހި ރުފިޔާއާއި ޔޫއެސް ޑޮލަރާއި ގިނަ ޢަދަދެއްގެ ޔޫރޯ އަތުލައިގެންފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ ، ޅ. ހިންނަވަރު އަގީދުގެ، ހުސެއިން އީސާ ފުޅާއި، ޅ. ހިންނަވަރު މިދިލިމާގެ، އަޙްމަދު މުޙައްމަދާއި، ޅ. ނައިފަރު ޑޭޒީހިޔާ، ޢަބްދުﷲ ޒަކަރިއްޔާ އާއި، ޅ. ހިންނަވަރު ފެހިގެ، މުޙައްމަދު އިރުޝާދު އާއި އދ. މަހިބަދޫ ކުޅިބަލާގެ، ފާޠިމަތު ރީމާ އެވެ.

މި ފަސްމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހުސައިން އީސާ ފުޅާއި އަޙްމަދު މުޙައްމަދު ހަތްދުވަހަށް، ޢަބްދުﷲ ޒަކަރިއްޔާ 15 ދުވަހަށް، ފާޠިމަތުު ރީމާ 12 ދުވަހަށް އަދި މުޙައްމަދު އިރުޝާދު ތިންދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން