މާޝާ މިދުހަތު   12 ސެޕްޓެމްބަރު 2024 - 18:32
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލުން ހިންގަމުން އައި އެރަށުގެ އައިސް ޕަލާންޓު މިފްކޯގެ ދަށަށް ބަދަލުކޮށްފިއެވެ.

ސަރުކާރުގެ ނިންމެވުމާ އެއްގޮތަށް މަޑުއްވަރީ އައިސް ޕްލާންޓާއި މިފްކޯއިން ހަވާލުވީ މިއަދެވެ.

އެގޮތުން އެރަށުގެ ކައުންސިލް އިދާރާގައި އެތަނާއި ހަވާލުވުމުގެ އެއްބަސްވުމުގައި މިފްކޯއިން ވަނީ ސޮއިކޮށްފައެވެ. އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ކުންފުނި ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) އިލްޔާސް ހަނީފެވެ. ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މަޑުއްވަރީ ކައުންސިލްގެ ރައީސް މުހައްމަދު ޞާދިޤެވެ.

މިކަމާގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން މިފްކޯގެ ޕްރޮޖެކްޓްސް އެންޑް ޓެކްނިކަލް ޑިޕާޓުމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ ވިދާޅުވީ، މިއަދުން ފެށިގެން މިފްކޯއިން މަޑުއްވަރީގެ އައިސް ޕްލާންޓާއި ހަވާލުވެ ޚިދުމަތް މިހާރު ފެށިފައިވާ ކަމުގައެވެ. އަދި އެތަން މިހާރު ބަލަހައްޓަމުން ދަނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (އެފްއެފްސީ) ގެ އިންޖިނިއަރުންގެ ޓީމުގެ ފަރާތުން ކަމުގައެވެ.

"މި ފެށި ޚިދުމަތާއެކު 750 ރުފިޔާގެ ރޭޓުން މަސްވެރީންނަށް އައިސް ޓަނެއް ފޯރުކޮށްދެވޭނެ. މިއީ 25 މެޓްރިކް ޓަނުގެ ފްލޭކްސް އައިސް ޕްލާންޓެއް. އަދި 50 ޓަނުގެ އައިސްގެ ސްޓޮކެއް މެއިންޓެއިން ކުރެވޭނެ. މަސްވެރީންނަށް ލުއިފަސޭހަ ގޮތްތައް ކުރިއަށް އޮތް ތަނުގައިވެސް ހޯދުމުގައި މިފްކޯ ދެމި އޮންނާނެ." މުއާޒު ވިދާޅުވިއެވެ.



މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މަޑުއްވަރީ ކައުންސިލްގެ ރައީސް ޞާދިޤު ވިދާޅުވީ ދެން އެރަށުގެ އައިސް ޕްލާންޓު ބަލަހައްޓާނީ މިފްކޯއިން ކަމަށާއި، އެ މަސައްކަތް ކުރާނެ މުވައްޒަފުންވެސް މިހާރު އެކުންފުނިން ހަމަޖައްސާފައިވާ ކަމުގައެވެ.

"މިހާރު އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ. މިފްކޯގެ ކޭޝިއަރަކާއި ޓެކްނީޝަނުން އެބަތިބި. އަދި މަސްވެރީންނަށް އަގުހެޔޮކޮށް އައިސް ލިބިގެންދާނެ." ޞާދިޤު ވިދާޅުވިއެވެ.

މަޑުއްވަރީ އައިސް ޕްލާންޓަކީ 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ޚިދުމަތް ދޭން ފެށި ތަނެކެވެ. އެއީ މަސްވެރީންގެ ދުވަހާއި ދިމާކޮށް ހުޅުވި ތަނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން