ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ރެއިޑްތައް ކުރިއަގެންދާ މި ދުވަސްވަރު ބިދޭސީންނަށް މައުލޫމާތު ސެޝަނެއް ފުލުހުން ނަގައިދީފި އެވެ.

ހުޅުމާލެ އަވައްޓެރި ފުލުހުން ރޭ ހުޅުމާލެ ޖޭއެމްސީ ސައިޓުގައި ކުރިއަށް ގެންދިޔަ އެ ސެޝަން ނަގައިދިނީ އެ ސައިޓުގައި ބިދޭސީން އާންމުކޮށް ވާހަކަ ދައްކާ ހިންދީ ބަހުން ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން އެ ސައިޓުގައި ތިބި ގިނަ އަދަދެއްގެ ބިދޭސީންނަށް ރާއްޖޭގައި ހެދިފައިވާ ބައެއް ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށާއި އަދި އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމާއި މަސައްކަތްކުރަން އުޅޭއިރު އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭ މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން، ކުށަށް ހުށަނޭޅޭނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް އިރުޝާދު ދިނުމާއެކު އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ބުނެދީ، ޓްރެފިކް ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމާ ގުޅޭ ގޮތުން ވެސް މައުލޫމާތު ދިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.



ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭއިރު އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ ލޭބަރުން ނެވެ. އޭގެ އިތުރުން ނޭޕާލާއި އިންޑިއާއަށް ނިސްބަތްވާ ބިދޭސީން ވެސް ގިނަ އަދަދަކަށް އުޅެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން