ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް މަސައްކަތު މީހުންތަކެއް
ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް މަސައްކަތު މީހުންތަކެއް
ރާއްޖެއަށް ބަންގްލަދޭޝްގެ މަސައްކަތްތެރިން ގެނައުން މަނާކޮށްފައި އޮތް މުއްދަތު އިތުރު އެއް އަހަރަށް ދަންމާލައިފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެ ގެނައުން އެއް އަހަރުގެ މުއްދަތަށް ވަނީ މެދުކަނޑާލާފައެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ވެސް އެ މައްސަލަ އެއްކޮށް ހައްލު ނުވާ ނަމަ އިތުރު އެއް އަހަރަށް ބަންގްލަދޭޝްގެ މަސައްކަތްތެރިން އެ ގައުމުން ގެނައުން މަނާކުރާނެ ކަމަށެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އާދަޔާ ޚިލާފަށް އިތުރުވުމާ ގުޅިގެން ސަރުކާރުން ވަނީ ރާއްޖެއަށް ބިދޭސީ މަސައްކަތު މީހުން އަންނަ ކޮންމެ ގައުމަކަށް ވެސް އަންސްކިލްޑް މަސައްކަތްތެރިންގެ ކޯޓާއެއް ކަނޑައަޅާފައެވެ. އެގޮތުން އަންސްކިލްޑް މަސައްކަތްތެރިންނަށް ކޮންމެ ގައުމަކަށް ކަނޑައެޅިފައިވާ ކޯޓާއަކީ ކޮންމެ ގައުމަކަށް 150،000 މަސައްކަތްތެރިންނެވެ.

މިދިޔަ އޭޕްރީލް މަހުގެ 21 އިން ފެށިގެން މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 4805 ބަންގްލަދޭޝް މީހުން މިހާރު ވަނީ ޤައުމަށް ފޮނުވާލާފައެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުގެ އަމާޒަކީ މި ފަސްއަހަރު ނިމުމުގެ ކުރިން 20000 މަސައްކަތްތެރިން އަނބުރާ ޤައުމަށް ފޮނުވާލުމެވެ.

ސަރުކާރުން މިހާރު ވަނީ ގަވާއިދާ އެއްގޮތަށް އުޅޭ ރައްޔިތުންގެ ތެރެއިން ވެސް އަނބުރާ ގައުމަށް ދާން ބޭނުންވާ މީހުން ގައުމަށް ފޮނުވާލުމުގެ މަސައްކަތް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން