ގެއްލިގެން ހޯދަމުންދާ ތަސްލީމް
ގެއްލިގެން ހޯދަމުންދާ ތަސްލީމް
ކ. ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފަސްގަނޑަކަށް ދަތުރުގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް މުޙައްމަދު ހޯދުމަށް ޓަކައި އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެދިނުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން މިއަދު ބުނީ، ވީތަނެއް ނޭންގިގެން ފުލުހުންނަށް މިދިޔަ އޯގަސްޓް މަހުގެ 30 ވަނަ ދުވަހު 13:20ހާއިރު ރިޕޯޓު ކޮށްފައިވާ ތަސްލީމް މުޙައްމަދު ދަތުރު ގޮސް އުޅުނު ކަމަށްބުނާ ފަސްގަނޑާއި މޫދު ސަރަހައްދު ޑައިވްކޮށްގެން ފުލުހުންނާއި އެމްއެންޑީއެފުން ބަލައިފައިވާ ކަމަށެވެ.

އެގޮތުން އެމްއެންޑީއެފުން މިދިޔަ މަހުގެ 31އާއި މިމަހުގެ އެކަކާއި ހަ ވަނަ ދުވަހު، 943،998 އަކަމީޓަރުގެ ސަރަހައްދު ޑައިވްކޮށްގެން ބަލައިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ތަސްލީމް މާލެއިން އެ ފަސްގަނޑަށް ގޮސްފައި ވަނީ އޭނާ ހިމެނޭހެން 25 މީހުންނާއި ދެ ކުޑަކުދިންނާއެކު، މިދިޔަ މަހުގެ 29 ވަނަ ދުވަހު 17:00އާއި 17:30އާ ދޭތެރޭގެ ވަގުތެއްގައި ކަމަށެވެ.

ހަމައެއާއެކު އެ ދަތުރުގައި ތަސްލީމް ބައިވެރިވީ ދަތުރު ރޭވި މީހުންގެ ރަޙުމަތްތެރިކަމުގައި، އޭގެ ތެރެއިން ބަޔެއްގެ އުފަންދުވަހާއި އެންގޭޖްމެންޓް ޕާޓީއެއް ފާހަގަކުރުމަށް ޕާޓީގެ މަސައްކަތްތަކެއް ކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މީހުން ފަސްގަނޑަށް ދިޔައިރު އިތުރު ބަޔަކު ވެސް ފަސްގަނޑުގައި ތިބި ކަމަށާއި އޭނާ އެތަނުގައި ހުއްޓާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 7:45އާއި 9:00އާ ދޭތެރޭގައި ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ މާލެ ދާން ބޭނުންވާ ކަމަށް ބުނެފައި އޮތުމުން، އެ ދުވަހުގެ 10:00 އާއި 11:00އާ ދޭތެރޭ މާލެ ފުރި ލޯންޗުގައި އޭނާ މާލެ ފޮނުވާލުމަށް ދަތުރުގެ ބައިވެރިން އޭނާ ހޯދުމުން ފެނިފައިނުވާތީ އެ މީހުން އޭނާގެ އާއިލާއަށް ވެސް ގުޅި ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

"ތަސްލީމް މާލެ ނާންނަކަމަށް އާއިލާއިން މައުލޫމާތު ދިނުމުން އޭނާ ހޯދުމުގެ މަސައްކަތް ދަތުރުގެ ބައިވެރިން ފެށިކަން ވެސް ތަހުގީގަށް އެނގިފައިވެއެވެ. މި މައްސަލައާ ގުޅިގެން ތަހުގީގުގައި، ތަސްލީމް މުހައްމަދާއެކު ދަތުރުދިޔަ މީހުންނާ ސުވާލުކުރުމުގެ އިތުރުން، އެ ފަސްގަނޑަށް ދަތުރު ދިޔަ އިތުރު ގުރޫޕެއްގައި ހިމެނޭ 12 މީހުންނާ ވެސް ތަހުގީގުގައި ސުވާލުކޮށްފައިވެއެވެ." ބަޔާނުގައިވެއެވެ.

މީގެ އިތުރުން ތަސްލީމް ބޭނުންކުރާ ފޯނާއި ލެޕްޓޮޕް ފޮރެސިން ތަހުލީލު ކުރުމުގެ މަސައްކަތް ފަށައި، އޭނާއާއި އިތުރު ބަޔަކު ދަތުރު ދިޔުމަށް ބޭނުންކުރި ދެ ލޯންޗު ބަލައި ފާސްކުރި ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން އޭނާ އާންމުކޮށް މާލޭގައި ގޮސް އުޅޭ ސަރަހައްދުތައް ބަލައި، އޭނާ ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސްއަށް އެދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހަމައެއާއެކު ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުން ތަސްލީމުގެ އާއިލާއާ ބައްދަލުކޮށް، މައުލޫމާތު ސާފުކުރުމުގެ އިތުރުން ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު އާއިލާއާ ހިއްސާކުރަމުންދާ ކަމަށެވެ.

ފުލުހުން މީގެކުރިން ބުނެފައިވަނީ ކ. ހުވަފެންފުށި ކައިރީގައި އޮންނަ ފަސްގަނޑަކަށް ދަތުރު ގޮސް އުޅެނިކޮށް ޢުމުރުން 43 އަހަރުގެ ތަސްލީމް މުހައްމަދު ގެއްލުނު މައްސަލައިގައި ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން