ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް
ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް
ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފަށް ރުހުން ދިނުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ޕީޖީގެ މަޤާމަށް ކުރިމަތިލެއްވި 6 ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ އައްބާސްގެ ނަންފުޅު އެކަންޏެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މިއަދު އައްބާސްގެ އިންޓަވިއު ކުރިއަށް ގެންގޮސްފައިވާއިރު ކޮމެޓީގެ މެންބަރުން އައްބާސްއަށް ދެއްވާފައިވަނީ 93.91 އިންސައްތަ މާކުހެވެ.

ހަމައެއާއެކު ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރަން ރުހުން ދޭން ޖުޑިޝަރީ ކޮމިޓީން ފާސްކުރީ މެމްބަރުންގެ އިއްތިފާގުންނެވެ.

ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރުމަށް މަޖިލީހުގެ ދައުރުން ބޭރުން ޚާއްސަ ޖަލްސާއެއް މާދަމާ ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. މަޖިލީހުގެ ތަޅުމުން އައްބާސްގެ ނަންފުޅު ފާސްކުރުމުން ޕީޖީ ކަމަށް އައްބާސް އައްޔަން ކުރަށްވާނީ ރައީސް ޑރ. މުޢިއްޒެވެ.

އައްބާސްއަކީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރަށްވާފައެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 22 ގައި ފާސްކުރުމާ ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން