ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް
ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް
ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ކުރިމަތިލެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެއްވެސް އިންޑިކޭޝަނެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އައްބާސް މިއަދު ވިދާޅުވީ ޕީޖީގެ މަޤާމަށް ކުރިމަތިލެއްވީ އެމަޤާމުގެ ޒިންމާ އަދާކުރެއްވޭނެ ކަމުގެ ޔަޤީންކަން އޮތުމުން ކަމަށާއި އެކަމުގައި އެއްވެސް ފަރާތެއްގެ އިރުޝާދެއް ހޯއްދަވާފައި ނުވާނެކަމަށެވެ.

އެގޮތުން އައްބާސް ވިދާޅުވީ ރައީސްގެ ކެބިނެޓް ވަޒީރުންނަށްވެސް އޭނާ އެމަޤާމަށް ކުރިމަތި ލެއްވިކަން އެނގިވަޑައިގެންނެވީ ނޫސްތަކުން އެ ޚަބަރު ކަވަރު ކުރުމުން ކަމަށެވެ.

“ރައީސްގެ އެއްވެސް އިންޑިކޭޝަނެއްވެސް މި ކަމުގައި ނުލިބޭ.” އައްބާސް މިއަދު ވިދާޅުވެފައިވެއެވެ.

އައްބާސް މިއަދު ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ވަޑައިގެންނެވިއްޖެނަމަ އެ މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި ވަކި މީހެއްގެ މޫނަކަށް ނުބައްލަވާނެ ކަމަށެވެ. އެގޮތުން މީގެ ކުރިން ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވިއިރުވެސް އެއްވެސް މައްސަލައެއް ނިންމުމުގައި އިންޒާރަކަށް ބަލާފައި ނުވާނެކަން އައްބާސް ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު ކުރީގެ ޕީޖީ ހުސައިން ޝަމީމްގެ ލީޑާޝިޕް ގައިވެސް ޕީޖީ އޮފީހުގެ ހިންގުމަށް ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި މިހާރަށް ވުރެވެސް ހާމަކަން ބޮޑުކޮށް އެ އޮފީސް ހިންގަވާނެ ކަމަށް އައްބާސް ވިދާޅުވިއެވެ.

އޭގެ އިތުރުން އައްބާސް ވަނީ ޕީޖީ އޮފީހުގައި އޭނާގެ މަސްލަހަތު އޮތް މައްސަލައެއް ނޯންނާނެ ކަމަށާއި އެއްވެސް ލޯފާމަކާ ވެސް ގުޅުމެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މިއަދު އައްބާސްގެ އިންޓަވިއު ކުރިއަށް ގެންގޮސްފައިވާއިރު ކޮމެޓީގެ މެންބަރުން އައްބާސްއަށް ދެއްވާފައިވަނީ 93.91 އިންސައްތަ މާކުހެވެ. ހަމައެއާއެކު ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރަން ރުހުން ދޭން ޖުޑިޝަރީ ކޮމިޓީން ފާސްކުރީ މެމްބަރުންގެ އިއްތިފާގުންނެވެ.

ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރުމަށް މަޖިލީހުގެ ދައުރުން ބޭރުން ޚާއްސަ ޖަލްސާއެއް މާދަމާ ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. މަޖިލީހުގެ ތަޅުމުން އައްބާސްގެ ނަންފުޅު ފާސްކުރުމުން ޕީޖީ ކަމަށް އައްބާސް އައްޔަން ކުރަށްވާނީ ރައީސް ޑރ. މުޢިއްޒެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން