ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ޕީޖީގެ މަގާމަށް ހަ ބޭފުޅަކު ކުރިމަތިލެއްވިއިރު އެ ނަންތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ އައްބާސްގެ ނަންފުޅު އެކަންޏެވެ.

އަދި ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއާއި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ބާއްވައި ކޮމިޓީން އޮތީ ރައީސްގެ ހުށަހަޅުމާ އެއްގޮތަށް އައްބާސް މަގާމަށް އައްޔަނުކުރަން އިއްޔެ ފާސްކޮށްފަ އެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ އިތުރު ޖަލްސާއެއް ދައުރުން ބޭރުން މިއަދު ބާއްވައި އައްބާސް އެ މަގާމަށް އައްޔަނުކުރަން ވަނީ ފާސްކޮށްފަ އެވެ.

އައްބާސް އެ މަގާމަށް އައްޔަނުކުރަން މަޖިލީހުން މިއަދު ފާސްކުރީ 85 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަކަމަށް އެއްވެެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

އައްބާސްއަކީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާ އިން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރަށްވާފައެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 22 ގައި ފާސްކުރުމާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން