ހާލުބެލުމުގެ ޕްރޮގްރާމްގެ ދަށުން ގޭގެއަށް ޒިޔާރަތްކުރުން-- ފޮޓޯ/ ސޯޝަލް މިނިސްޓްރީ
ހާލުބެލުމުގެ ޕްރޮގްރާމްގެ ދަށުން ގޭގެއަށް ޒިޔާރަތްކުރުން-- ފޮޓޯ/ ސޯޝަލް މިނިސްޓްރީ
ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމާއި ބުޅާ ގިނަވުން ކަމަަށް ސޯޝަލް މިިނިސްޓްރީން ބުނެފި އެވެ.

އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބަލައި އެހީތެރިވުމުގެ ގޮތުން ސޯޝަލް މިނިސްޓްރީން ކުރިއަށް ގެންދާ "ހާލު ބެލުން" ޕްރޮގްރާމްގެ ދަށުން ވިލިމާލޭގެ ހުރިހާ ގެއަކަށް ވަނީ ޒިޔާރަތްކޮށްފަ އެވެ.

ވިލިމާލޭގައި ހިންގި ޕްރޮގްރާމަށް ފަހު މިނިސްޓްރީ އާންމުކުރި ތަފާސް ހިސާބުތަކުގައި ބުނީ އެންމެ ގިނަ ގޭބީސީއިން ފާހަގަކޮށްފައިވާ ކަންބޮޑުވުމަކީ އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމުގެ ކަންބޮޑުވުން ކަމަށެވެ.

އެގޮތުން ގިނަ އަދަދެއްގެ ބަޔަކު އެއްތަނެއްގައި އުޅެން ޖެހުމާއި، އަމިއްލަ ބޯހިޔާވަހިކަމެއް ނެތި ކުލި ދައްކައިގެން އުޅެން ޖެހުމުގެ އިތުރުން ޖާގައިގެ ދަތިކަން ދިމާވުންފަދަ ކަންބޮޑުވުންތައް ފާހަގަކޮށްފައި ވެއެވެ،

"ބޯހިޔާވަހިކަމުގެ މައްސަލަ ހުށައެޅި 79 ގޭބީސީއަށް ބަލާއިރު އެ ތަންތަނުގައި އެވްރެޖުކޮށް ހުރީ އެކެއް ނުވަތަ ދެ ކޮޓަރިއެވެ. އެވްރެޖުކޮށް ގޭބީސީއެއްގައި 6.23 މީހުން ދިރިއުޅެމުން ދެއެވެ.

އަދި ގޭބީސީއެއްގައި 2 މީހުނުން ފެށިގެން 21 މީހުންނާއި ހަމަޔަށް މީހުން ދިރިއުޅޭ ގޭބީސީތައް ހުރިކަން ވެސް ވަނީ ދެނެގަނެވިފަ އެވެ." ސޯޝަލް މިނިސްޓްރީން ބުންޏެވެ.

ބޯހިޔާވަހިކަމަށް ފަހު ދެން އެންމެ ބޮޑު މައްސަަލައެއްގެ ގޮތުގައި ފާހަަގަކޮށްފައި ވަނީ އާންމު ސާފުތާހިރުކަމާއި ބުޅަލުގެ އުނދަގޫތަކާ ގުޅޭ މައްސަލަ އެވެ.

އެގޮތުން އާދަޔާ ހިލާފަށް ބުޅާ ގިނަވުމުގެ ބުޅަލުގެ ސަބަބުން ރަށުގައި އާންމު ސާފުތާހިރުކަން ގެއްލިގެންދާކަން ފާހަގަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

"ވަކިން ޚާއްސަކޮށް ވިއްސާރަ މޫސުމުގައި ސާފުތާހިރުކަން ގެއްލޭ މިންވަރު އިތުރުވާ ކަމަށާއި، އެކަމުގެ ސަބަބުން ރޯގާ ބަލިމަޑުކަމެއް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ގޭބީސީތަކުން ފާހަގަކޮށްފައި ވެއެވެ. އެގޮތުން ޒިޔާރަތްކުރި ގޭބީސީތަކުގެ ތެރެއިން 60 ގޭބީސީން ވަނީ މި ކަންބޮޑުވުން ހިއްސާކޮށްފަ އެވެ. އަދި މިއީ ދާއިމީ ޙައްލެއް ބޭނުންވާ ކަމެއްގެ ގޮތުގައި އެ ފަރާތްތައް ވަނީ ފާހަގަކޮށްފަ އެވެ." މިނިސްޓްރީން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން