ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގެ ބަޔަކު އެހެން ރަށަކަށް ބަދަލުވާން ސަރުކާރުން މަޖުބޫރު ނުކުރާނެކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ކުދި އާބާދީތަކުން ބޮޑެތި އާބާދީތައް އޮތް ރަށްރަށަށް ބަދަލުވުމަށް އަބަދުވެސް ސަރުކާރުތަކުގައި އެދެމުން ދާކަމަށެވެ.

އެގޮތުން މި ސަރުކާރަށް ވެސް އެފަދަ ހުށަހެޅުންތައް ލިބޭ ކަމަށާއި، އެގޮތަށް އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ރަށްރަށުގެ މީހުން އެކަމަށް އެދުމުން ސަރުކާރުން އެއީ ކިހާ ފީޒިބަލް ކަމެއްތޯ އަދި ކުރެވިދާނެ ކަމެއްތޯ އަދި އެކަމުގެ ސަބަބުން އަންނާނެ ބަދަލުތަކަކީ ކޮބައިތޯ އަބަދުވެސް ބަލާނެ ކަމަށެވެ.

ނަމަވެސް، ރާއްޖޭގައި މީހުން ދިރިއުޅޭ އެއްވެސް ރަށެއްގެ ބަޔަކު އެހެން ރަށަކަށް ބަދަލުވާން ސަރުކާރުން މަޖުބޫރު ނުކުރާނެކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

ހީނާ މިހެން ވިދާޅުވެފައި މިވަނީ، ރަށުގައި އަސާސީ ޚިދުމަތްތައް ނުލިބޭތީ ރަތްމަންދޫގެ މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދި ރަތްމަންދޫ ރައްޔިތުންގެ ފަރާތުން ޕެޓިޝަނެއް ސަރުކާރަށް ހުށަހަޅާފައިވަނިކޮށެވެ.

ރައީސް މިއަދު އިއުލާނުކުރެއްވި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން ތައްޔާރު ކުރުމުގެ މަޝްރޫއުގައި އެމަނިކުފާނުގެ މެނިފެސްޓޯގައިވާ ގޮތަށް، އާބާދީއާއި ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން އާބާދީ އެއްފަސްކުރުން ހިމެނޭނެއެވެ. އެގޮތުން ރާއްޖޭގެ 7 ސަރަހައްދެއްގައި އާބަން ސެންޓަރުތައް ހެދުމަށް އެމަނިކުފާނުވަނީ މެނިފެސްޓޯގައި ހިމަނުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން