ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ރާއްޖެ އިޝްތިހާރުވާ ގޮތަށް ހޮލީވުޑް ފިލްމެއް ހަދަން ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށް ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، ކްރިއޭޓިވް އިކޮނޮމީއެއް ބިނާ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ރާއްޖޭގެ އިންވެސްޓްމަންޓްތައް ޕްރޮމޯޓް ކުރެވޭނެ ގޮތަކަށް ހޮލީވުޑްގެ ފިލްމެއް ހެދުމަށް މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން، މަޝްހޫރު ކާޓޫން ފިލްމް ފައިންޑިން ނީމޯ ހެދި ފަރާތަށް ސަރުކާރުން ސިޓީއެއް ފޮނުވާފައިވާނޭ ކަމަށާއި އެ މަސައްކަތުގެ ތެރެއިން ހޮލީވުޑްގެ ސްޓަރޓްއަޕް ކޮމްޕެނީއަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ކަމަށެވެ.

އަދި އެބޭފުޅުން ރާއްޖެއައިސް އެކަމާ ގުޅޭ ގިނަ ފަރާތްތަކާއި ބައްދަލުކޮށްވެސް ހަދާފައިވާކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ އެ މަސައްކަތް ވެސް މާ ލަސްތަކެއްނުވެ ކޮޅެއްގައި ޖެހިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ބެލިން ހޮލީވުޑްގެ ފިލްމު އުފައްދާ ފަރާތްތަކާއި ވާހަކަ ދައްކައިގެން ރާއްޖެއާއި ގުޅޭ ފިލްމެއް ހަދައިދޭނެ ބަޔަކު ވޭތޯ. ރާއްޖޭގެ ކްލައިމެޓް، ރާއްޖޭގެ އިންވެސްޓްމަންޓް އެޓްރެކްޓް ކުރުން އަދި ރާއްޖެއަށް ވިޒިޓްކުރާ ފަރާތްތަކަށް ވެސް މި ކަމުން މަންފާއެއް ކުރާނެ ގޮތަކަށް.." ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައީސް ބޭނުންފުޅުވާ ހަލުވި މިނުގައި އިގުތިސާދީ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން