ފެނަކައިން ފެށި އެކި މަޝްރޫއުތަކުގެ ތެރެއިން ހުއްޓިފައިވާ ޕްރޮޖެކްޓްތަކަށް ނަގާފައިވާ ވަގުތީ މުވައްޒަފުން ދޫކޮށްލަން އެ ކުންފުނިން ނިންމައިފިއެވެ.

އެ ކުންފުނިން މިއަދު ބުނީ، ފެނަކައިން 2020 ވަނަ އަހަރުން ފެށިގެން އިންހައުސްކޮށް ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކަކީ، މާކެޓް ރޭޓަށްވުރެ އެތައް ގުނައެއް ބޮޑުކޮށް، ކުންފުންޏަށް ނުހަނު ގެއްލުވާ ގޮތަށް، ބޭނުންވާ އަދަދަށްވުރެ އިތުރަށް މުވައްޒަފުން ނަގައިގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކެއް ކަމަށެވެ.

އެހެންކަމުން ކުންފުނި މިހާރު ތަހައްމަލް ކުރަމުންދާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ނުނިމި ދިގުލައިގެން ގޮސްފައިވާ ޕްރޮޖެކްޓްތައް، ޚަރަދު ކުޑަ އުސޫލަކުން ކުރިޔަށް ގެންދިޔުމަށް އެ ޕްރޮޖެކްޓްތަކަށް ނަގާފައިވާ މުވައްޒަފުން ދޫކޮށްލުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާކަމަށް ފެނަކައިން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

އަދި އެ މުވައްޒަފުންނަށް ނޯޓިސް ފޮނުވަން ވެސް މިހާރު ފަށާފައިވާ ކަމަށާއި މިގޮތުން ދޫކޮށްލެވޭ ގިނަ މުވައްޒަފުން ނަގާފައިވާ ޕްރޮޖެކްޓްތަކަކީ މިވަގުތު މަސައްކަތް ނުހިނގާ ޕްރޮޖެކްޓްތައް ކަމަށް ވެސް ވަނީ ބުނެފައެވެ.

ހަރަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަން ހާމަކުރަމުން ފެނަކައިން ބުނީ ކުންފުނިން އެންމެ އިސްކަމެއް ދޭނީ، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށް ދިނުމަށް ކަމަށްވާތީ، ކުންފުންޏަށް ގެއްލުންވާނެ އެއްވެސްކަމެއް ކުރިޔަށް ނުގެންދިޔުމަށް މިހާރު މެނޭޖުމަންޓުން ނިންމާފައިވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން