އިމިގްރޭޝަން އޮފިސަރެއްގެ ނަމުގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ ފޭރުނު މީހާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ފުލުހުން އިއްޔެ ބުނީ އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ތިން މީހަކު ވަދެ ބަންގްލަދޭޝް މީހެއްގެ އަތުން މޮބައިލް ފޯނަކާއި 9،000 ރުފިޔާ ފޭރުނު މައްސަލަ ސެޕްޓެމްބަރު 16 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިމައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ގ. ބޭރުގެ މުހައްމަދު ނަވީން އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 10 ދުވަސް ޖަހާފައެވެ.

ކޯޓުގައި ނަވީން ބުނެފައިވަނީ ފުލުހުންގެ ތުހުމަތުތަކަށް އިންކާރު ކުރާކަމަށާއި އެތަނަށް އޭނާ ދިޔައީ މަސައްކަތެއް ކުރުމަށް މީހުން ހޯދުމަށް ކަމަށެވެ. އަދި އޭނާ އެތަނުގައި ހުއްޓައި އެހެންބަޔަކު އެތަނަށް ވަނުމަށްފަހު ނިކުމެގެން ދުއްވައިގެން ކަމަށާއި އެމީހުންގެ ފަހަތުން އޭނާވެސް ހިނގާފައި ދިޔައީކަމަށް ނަވީން ވަނީ ބުނެފައެވެ.

އޭނާގެ ވާހަކަތައް ނަފީކޮށް ކޯޓުގައި ފުލުހުން ބުނެފައިވަނީ ނަވީން އެ އަމަލު ހިންގުމުގައި ބައިވެރިވެ ފިލަން މަސައްކަތް ކުރިކަން ވީޑިއޯއިން ފެންނަކަމަށާއި އޭނާއަކީ ކުށުގެ ރިކޯޑު އޮންނަ ފަރާތެއްކަމަށެވެ.

އެހެންކަމުން ކޯޓުންވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން