މީހަކު ރަހީނުކޮށް ޖިސްމާނީ އަނިޔާދީ އިނގިލި ބުރިކޮށްލުމުގައި ސިފައިންގެ ވަޒީފާގައި ތިބި ދެމީހަކު ބައިވެރިވެފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ޢުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ރަހީނުކުރި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޖޫން 25 ވަނަ ދުވަހު ކަމަށެވެ.

އެގޮތުން މާލޭގެ ގެއެއްގައި ދިވެހި ފިރިހެންމީހާ ރަހީނުކޮށް އޭނާއަށް ބިރުދައްކައި ގަދަކަމުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުވައި ޖިސްމާނީ ގޮތުން އެކި ކަހަލަ އަނިޔާތައްދީ އޭނާގެ ވައަތު ކުޑަވާ އިނގިލި ބުރިކޮށްލި މައްސަލާގައި 5 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ ރ. ކަނދޮޅުދޫ، މެހެރާ އަލީ ސާމީ އާއި ގދ. ގައްދޫ ހުދުވެލި އަހްމަދު ސާއިފް ވަހީދާއި ތ. ތިމަރަފުށީ އުތުރުގެ އާގެ މުހައްމަދު ނައުޝާން ހުސެއިން އާއި ކ. މާފުށި ފުލްމޫން މުހައްމަދު ނަފާހްގެ އިތުރުން ލ. ގަން ތުނޑިލިންކް އަހްމަދު ޒަޔާންއެވެ.

ފުލުހުން ބުނީ މި ފަސް މީހުންގެ ތެރެއިން 4 މީހަކު ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށާއި މައްސަލާގައި ހިމެނޭ މުހައްމަދު ނަފާހް ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ނެރެފައިވާކަމަށެވެ.

“ފަސް މީހުންގެ ތެރެއިން މުހައްމަދު ނަފާހް އާ އަހްމަދު ޒަޔާން އަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފްގައި ވަޒީފާ އަދާކުރަމުން އަންނަ ދެ މީހުންކަން ފާހަގަކޮށްލަން.” ފުލުހުން މިއަދު ބުނެފައިވެއެވެ.

މި މައްސަލާގައި 18 އަހަރު ނުފުރޭ ތިން ކުއްޖަކުވެސް ބައިވެރިވެފައިވާކަމަށާއި މައްސަލާގައި ހައްޔަރު ކޮށްފައިވާ ސިފައިންގެ ދެމީހުންނަށް ފިޔަވަޅު އެޅުމަށް އެމްއެންޑީއެފްގައި ދަންނަވާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ފުލުހުން މިއަދު ބުނީ އަނިޔާ ލިބުނު މީހާގެ ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖައްސާފައިހުރި ނިޝާންތައް ހުރި ކަމަށާއި ހަމައެއާއެކު ތޫނު ހަތިޔާރެއް ބޭނުންކޮށްގެން އޭނާގެ ވައަތު ކުޑަވައި އިނގިލީގެ ދެވަނަ ބަދައިން ފެށިގެން ބުރިކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މީހާ ރަހީނުކޮށްގެން ގެންގުޅެފައިވަނީ މާލެއިން ކުއްޔަށް ހިފާފައިވާ ދެ އެޕާޓްމަންޓެއްގައި ކަމަށެވެ. އަދި ދެ އެޕާޓްމަންޓް ބަލާ ފާސްކުރުމުން މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހެއްގެ ނަންމަތީ ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްގެ ލިޔެކިޔުންތައް ފެނިފައިވާކަަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން