ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ރެޒިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓްތައް ވިއްކުމުގެ ކުރިން ޑިވޮލޮޕަރުންނަށް ބުކިން ފީގެ ގޮތުގައި ގިނަވެގެން ނެގޭނީ 50،000 ރުފިޔާގެ ފީއެއް ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ދިރިއުޅުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުން ވިޔަފާރީގެ އުސޫލުން ތަރައްގީކުރަމުން އަންނަ މިޑް ރޭންޖް އަދި ލަގްޒަރީ ހައުސިން މަޝްރޫއުތަކުން އެޕާޓްމަންޓް ވިއްކުމުގެ މުއާމަލާތްތައް ކުރިއަށް ގެންދަން ވާނީ އެ ޕްރޮޖެކްޓް ކުރިއަށްގެންދާ ފަރާތްތަކާއި އެޕާޓްމަންޓް ގަންނަ ފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ކަމަށެވެ. ނަމަވެސް އެޕާޓްމަންޓް ގަތުމުގެ ފައިސާގެ މުއާމަލާތް ކުރިއަށް ގެންދަންވާނީ އިމާރާތްކުރާ ފަރާތާއި އެޗްޑީސީއާ ދެމެދުވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ ރެޒިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓްތައް ވިއްކުމުގެ ކުރިން ބުކިން ފީގެ ގޮތުގައި އެޕާޓްމަންޓްގެ ޖުމްލަ އަގުން އުނިކުރެވޭ ގޮތަށް ގިނަވެގެން 50،000 ރުފިޔާގެ ރިފަންޑަބަލް ފީއެއް ކަސްޓަމަރުންގެ އަތުން ނެގުމުގެ ހުއްދަ ޑިވޮލޮޕަރަށް ލިބިގެންވާ ކަމަަށެވެ.

އެހެން ނަމަވެސް އެެޕާޓްމަންްޓް ވިއްކުމަށް ހުޅުވާލެވޭނީ އިމާރާތުގެ ސިވިލް މަސައްކަތުގެ 20 ޕަސެންޓް ނިންމައި އެޗްޑީސީއިން އެކަމުގެ ހުއްދަ ހޯދުމަށް ފަހު ކަމަށާއި އެ ހުއްދައިގެ ކުރިން ބުކިން ފީގެ އިތުރުން އެއްވެސް ފައިސާއެއް ކަސްޓަމަރުންގެ އަތުން ނުނެގޭނެ ކަމަށެވެ.

އެހެން ނަމަވެސް އަސޭރިއާ ޕްރޮޖެކްޓުގައި އެ އުސޫލު އިސްތިސްނާވާނެ ކަމަށާއި އެ ޕްރޮޖެކްޓުގެ އެޕާޓްމެންޓްތަކަށް ބުކިން ފީގެ ގޮތުގައި ކަސްޓަމަރުން އަތުން އެއް މިލިއަން ރުފިޔާގެ (950،000ރ. ރިފަންޑަބަލް) ފީއެއް ނެގުމުގެ ހުއްދަ ޑިވޮލޮޕަރަށް ލިބިގެންވާ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން