ފެނަކައިގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން
ފެނަކައިގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން
ފެނަކައިގެ ޕްރޮޖެކްޓްތަކުގެ ހިސާބު ކިތާބު ރަނގަޅަށް ބެލެހެއްޓިފައި ނެތް ކަމަށާއި އެހެންކަމުން 16 ރަށެއްގެ ނަރުދަމާ ޕްރޮޖެކްޓް ބާތިލުކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޑިރެކްޓަރު އަބްދުލް ވާހިދު މުހައްމަދު ވިދާޅުވީ، ކުރީ ސަރުކާރުން ފެނަކައާ ހަވާލުކުރި 16 ރަށެއްގެ ނަރުދަމާ ޕްރޮޖެކްޓްގެ މަސައްކަތްތައް އެއްބަސްވި ގޮތަށް ކުރިއަށް ނުގެންދާތީ، ކޮންސްޓްރަކްޝަން މިނިސްޓްރީއާ ދެމެދު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފައިވާ ކަމަށެވެ.

އެގޮތުން އެއްބަސްވުން ބާތިލު ކޮށްފައިވާ ރަށްތަކަކީ ބ. ދޮންފަނާއި ބ. ފެހެންދޫ އާއި ބ.ފޮޅަދޫ އާއި ބ. ކުޑަރިކިލާއި ބ. ކިހާދޫ އާއި ށ. ބިލަތްފައްސާއި ށ. ނޫމަރާ އާއި ނ. ލަންދޫ އާއި ނ. މިލަންދޫ އާއި ނ. މަގޫދޫ އާއި ތ. މަޑިފުއްޓާއި ތ. ދިޔަމިގިއްޔާއި މ. ރަތްމަންދޫ އާއި މ. ނާލާފުއްޓާއި ލ. ކުނަހަންދޫ އަދި އދ. ފެންފުއްޓެވެ.

ވާޙިދު ވިދާޅުވީ ނަރުދަމާ ޕްރޮޖެކްޓަށް މިހާތަނަށް އެޑްވާންސް ފައިސާގެ ގޮތުގައި 92 މިލިއަން ރުފިޔާ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ޕްރޮޖެކްޓްތަކުގެ ހިސާބު ކިތާބު ރަނގަޅަށް ބެލެހެއްޓިފައި ނެތްކަމަށްވެސް ވާޙިދު ވިދާޅުވިއެވެ.

ވާޙިދު ވިދާޅުވީ އެޕްރޮޖެކްޓް ތަކުގެ ހަރަދުތައް އިތުރަށް ބޮޑުވެފައިވަނީ ޒިންމާއާ ނުބައްދަލު މުސާރައިގައި މުވައްޒަފުން ނެގުމާއި މަސައްކަތަށް ބޭނުންވާ މެޝިނަރީޒް ކުއްޔަށް ނެގުމުން ކަމަށެވެ. އަދި ޖުމްލަ 170 މިލިއަން ރުފިޔާގެ ގެއްލުން މި ޕްރޮޖެކްޓްތަކުން އެ ކުންފުންޏަށް ވާނެކަން ވާޙިދު ފާހަގަ ކުރެއްވިއެވެ.

“ޔަގީންކަމާ އެކު ދަންނަވާކަށް ނޭންގެ. ހިސާބު ކިތާބު ބެލެހެއްޓިފައެއް ނެތް،” ވާޙިދު މިއަދު ވިދާޅުވިއެވެ.

ވާޙިދު ވިދާޅުވީ ބާތިލުކުރި ޕްރޮޖެކްޓްތަކުގެ ދަށުން ކޮންޓްރެކްޓަރުންނަށް މިހާތަނަށް ދޫކޮށްފައިވަނީ 55 މިލިއަން ރުފިޔާ ކަމަށެވެ. އަދި މިވަގުތަށް މަސައްކަތް ނިންމައި، ފެނަކައިން ޒިންމާވާން ޖެހޭ 384 މިލިއަން ރުފިޔާ އެބައޮތް ކަމަށްވެސް ވާހިދު ވިދާޅުވިއެވެ.

ފެނަކައިން މިކަން ހާމަކޮށްފައިވާއިރު އެ ކުންފުނީގެ ޚަރަދުތައް ބޮޑުވެ ކުންފުނި ދަރަނިވެރިވެފައިވާތީ އެ ކުންފުނި އެސް.ޓީ.އޯ ގެ ދަށަށް ބަދަލު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން