ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު
ފެނަކައިގެ ކުރީގެ އެމްޑީގެ ދަތުރުތަކަށް ޕެޓީ ކޭޝްގެ ގޮތުގައި ބޮޑު ޚަރަދެއް ކޮށްފައިވާ ކަމަށް އެކުންފުނީގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވީ 2023 ވަނަ އަހަރާ އަޅާބަލާއިރު، ފެނަކައިގެ އެތެރޭގެ ދަތުރުފަތުރުގެ ޚަރަދު މިހާރު ވަނީ 54 އިންސައްތަ ކުޑަކުރެވިފައި ކަމަށެވެ.

އެގޮތުން މި އަހަރުގެ މިހާތަނަށް އެކުންފުނިން ދަތުރުފަތުރަށް ހޭދަކުރީ 11.7 މިލިއަން ރުފިޔާ ކަމަށާއި މިދިޔަ އަހަރުގެ މި މުއްދަތުގައި 74 މިލިއަން ރުފިޔާ އެކުންފުނިން ދަތުރުފަތުރަށް ހޭދަ ކުރިކަމަށް މުއާޒް ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ފެނަކައިގެ ކުރީގެ އެމްޑީގެ ދަތުރުތަކަށް ޕެޓީ ކޭޝް ވަރަށް ގިނަ އަދަދަކަށް ބޭނުންކޮށްފައި ހުރިކަން މުއާޒް ފާހަގަކުރެއްވިއެވެ.

“އެޚަރަދު އަޅުގަނޑުމެން 96 ޕަސެންޓަށް ކުޑަކޮށްފިން. އެގޮތުން ކުރީ އަހަރު 56 ހާސް ރުފިޔާ ޚަރަދު ކޮށްފައިވާއިރު 2375 ރުފިޔާ އަޅުގަނޑު މި މެނޭޖުމަންޓުން ޚަރަދު ކުރީ.” މުއާޒް ވިދާޅުވިއެވެ.

މުއާޒް މިއަދު ވިދާޅުވީ ކުންފުނީގެ މުވައްޒަފުން އެކި ކަންކަމަށް ކުރާ ދަތުރުތަކަށްވެސް ޕެޓީ ކޭޝް ބޭނުންކުރާ ކަމަށާއި އެގޮތުން މިދިޔަ އަހަރު 2.7 މިލިއަން ރުފިޔާ ޚަރަދުކުރި ނަމަވެސް މިއަހަރު ޚަރަދު ކޮށްފައިވަނީ 1.8 މިލިއަން ރުފިޔާ ކަމަށެވެ. އަދި އެއީ 36 އިންސައްތައިގެ ދަށްވުމެއްކަން މުއާޒް ފާހަގަ ކުރެއްވިއެވެ.

މުއާޒް މިހެން ވިދާޅުވެފައިވާއިރު ފެނަކައިން މިއަދު ބުނީ 2023 ވަނަ އަހަރުގެ ޖެނުއަރީން އޮގަސްޓުގެ ނިޔަލަށް އެކުންފުނީގެ ހިންގުމުގެ ޚަރަދުތައް ހުރީ 150.6 މިލިޔަން ރުފިޔާގައި ކަމަށެވެ. ނަމަވެސް 2024 ވަނަ އަހަރުގެ މިހާތަނަށް ފެނަކައިގެ ހިންގުމުގެ ޚަރަދަކީ 59.9 މިލިޔަން ރުފިޔާ ކަމަށް ފެނަކައިން މަޢުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން މިދިޔަ އަހަރުގެ މި މުއްދަތުގައި 86 މިލިއަން ރުފިޔާ މުވައްޒަފުންގެ މުސާރައަށް ޚަރަދުކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް ޚަރަދުކުރެވުނީ 73 މިލިއަން ރުފިޔާކަމަށް އެކުންފުނިން މިއަދު ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން