މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްވެރިން
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްވެރިން
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ މައްސަލަތައް ބަލާނެ އިންތިޒާމް އެ އިދާރާގައި ހަމަޖެހިފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

އެއިދާރާއިން މިހެން ބުނެފައިވަނީ ޕްރިޒަންސް ކްލަބްގެ ގިނަޢަދަދެއްގެ ފައިސާ އެ ކްލަބްގެ ރައީސް އަމިއްލަ ކަންކަމަށް ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ހުށަހެޅި ޝަކުވާއެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބަލަަން ފަށައިފައިވާ ކަމަށްބުނެ ރާއްޖޭގެ މީޑިއާގައި ދައުރުވަމުންދާ ޚަބަރަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން “ރަސް އޮންލައިނަށް” މަޢުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިސަރ ޔުސްރީން ވިދާޅުވީ އެއިދާރާގެ މުވައްޒަފަކު ޤާނޫނާ ޤަވާއިދާ ޚިލާފު ޢަމަލެއް ހިންގާ ކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ އެކަންކަން ބަލާނެ ކަމަށެވެ. ނަމަވެސް މީޑިއާގައި ދައުރުވަމުންދާ ޚަބަރުގެ ސައްޙަ ކަމާމެދު ޔުސްރީން އެއްވެސް ބަހެއް ވިދާޅުވެފައެއް ނުވެއެވެ.

“އެމް.ސީ..އެސް ގެ އެއްވެސް އޮފިސަރެއް އަދި މުވައްޒަފެއް ޤާނޫނާއި ޤަވާއިދާ ޚިލާފު ޢަމަލެއް ހިންގާކަމުގެ މަޢުލޫމާތު ލިބިއްޖެއްޔާ އެމް.ސީ.އެސް ގެ އެތެރޭގައި ހަމަޖެހިފައިވާ އިންތިޒާމްތަކުގެ ދަށުން އެމައްސަލަ ބަލާނެ.” ޔުސްރީން ވިދާޅުވިއެވެ.

ޕްރިޒަންސް ކްލަބްގެ ފައިސާތަކެއް ގެއްލިފައިވާ ކަމަށްބުނެ މީޑިއާގައި ރިޕޯޓް ކޮށްފައިވަނީ އެކްލަބްގެ ލައްކައަކަށްވުރެ ގިނަ ފައިސާ ކްލަބްގެ ރައީސްގެ އަމިއްލަ ބޭނުންތަކަށް، އެކި އެކައުންޓްތަކަށް ޓްރާންސްފާކޮށްފައިވާ މައްސަލަ ބަލައިދިނުމަށް އެދި 35 އޮފިސަރަކު ސޮއިކޮށް، ލިޔެކިޔުންތަކަކާއެކު ކަމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރަށް ޕެޓިޝަނެއް ހުށައަޅާފައިވާ ކަމަށެވެ.

އެގޮތުން ޕްރިޒަންސް ކްލަބްގެ އެކައުންޓުން އެހެން އެކައުންޓްތަކަށް އެއްލައްކަ އަށްޑިހަ ތިންހާސް އަށްސަތޭކަ ހަތްދިހަ އެއްރުފިޔާ ހަތްދިހަ ތިންލާރި ޓްރާންސްފާ ކޮށްފައިވާ ކަމަށާއި އެފައިސާ އަނބުރާ ހޯދުމާއެކު އާސިފަށް ފިޔަވަޅު އަޅައިދިނުމަށް އެ ޕެޓިޝަނުގައި އެދިފައިވާ ކަމަށް މީޑިއާގައި ރިޕޯޓް ކޮށްފައިވެއެވެ.

ހަމައެއާއެކު އެ ޕެޓިޝަނަށް ދެއްވި ޖަވާބުގައި އާސިފް ހިންގި ޓްރާންސެކްޝަންތަކުގެ މައުލޫމާތު ނުރަސްމީކޮށް ލިބިގެން، އެ މައްސަލަ ބަލަން އިންކުއަރީއެއް 15 އޮގަސްޓް 2024 ގައި ފަށާފައިވާ ކަމަށް ޒަރީރު ވިދާޅުވެފައިވާކަމަށްވެސް އެ ޚަބަރުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން