މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ވިލިނގިލިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ އެ އިދާރާގެ ނާކޮޓިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލިނގިލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ގއ. ވިލިނގިލި / އެތެންސް، މުހައްމަދު އަތޫފް ހަބީބް (24އ)، ގއ. ވިލިނގިލި / ޒޫމް، މުހައްމަދު ތަގިއްޔު (25އ) އަދި ގދ. ގައްދޫ / ވިލަސް، މުހައްމަދު ޒަހުވާން (23އ) އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް، އެތަނުން އެކަކު ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށްބެލެވޭ އެއްޗެއްހުރި ހަތް ރަބަރު ޕެކެޓާއި، ހަތަރު ރަބަރުކޮޅާއި، ސެލޯފިންކޮޅެއްގެ އިތުރުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 20 ލީޓަރުގެ ހަމެއް ފެނުނު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު އަތޫފް ހަބީބް 15 ދުވަހަށް އަދި އަނެއް ދެ މީހުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެ މައްސަލަ ވިލިނގިލި ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން