ފެން އުފައްދާ އާރުއޯ ޕްލާންޓުގެ ބޯހޯލް ޕަންޕަށް މައްސަލައެއް ދިމާވެ އައްޑޫސިޓީ އިން ފެން ކެނޑިއްޖެއެވެ.

އައްޑޫގައި ފެނުގެ ހިދުމަތް ދެމުންދާ ފެނަކަ ކޯޕަރޭޝަނުން ބުނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން އުފައްދާ އާރުއޯ ޕްލާންޓުގެ ބޯހޯލް ޕަންޕަށް ދިމާވި މައްސަލައަކާ ގުޅިގެން ޕްލާންޓް ހުއްޓިފައިވާ ކަމަށެވެ.

މި މައްސަލަ ހައްލުކޮށް ޕްލާންޓް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ނަމަވެސް މިހާރު މި މައްސަލަ ހައްލު ވަންދެން ފެން އުފެއްދުން ހުއްޓިފައިވާތީ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފޯރުކޮށްދޭ ފެން ހުސްވެ، ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައިން ބުނީ މި މައްސަލަ ހައްލުވީހާ އަވަހަކަށް ކަސްޓަމަރުންނާ އެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށެވެ. އަދި ފެނުގެ ހިދުމަތް މެދުކެނޑިގެން ދިމާވެދާނެ ދަތިތަކަކަށްޓަކައި ނިހާޔަތަށް މައާފަށް އެދޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި އޮތް އައްޑޫ ސިޓީއަކީ އާބާދީގެ ގޮތުން 32 ހާހަށްވުރެ ގިނަ ރައްޔިތުން ނިސްބަތްވާ އަތޮޅެއްކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން