އައްޑޫސިޓީގައި އާ އިންޖީނުގެއެއް އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމަށް ފެނަކަ ކޯޕަރޭޝަނާއި އައްޑޫ ސިޓީ ކައުންސިލާއި މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާއާއި ގުޅޭގޮތުން ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު އަދި ކުންފުނީގެ އިސްވެރިން، އައްޑޫ ސިޓީ ކައުންސިލާއި ބައްދަލު ކުރެއްވި ކަމަށެވެ.

އެ ބައްދަލު ކުރެއްވުމުގައި، އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ހިންގާ ޕްރޮޖެކްޓުގެ މައުލޫމާތު ކައުންސިލާ ހިއްސާ ކޮށްފައިވެއެވެ. އަދި އެ ޕްރޮޖެކްޓަށް ބޭނުންވާ ބިން ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.

އާބާދީ ބޮޑު އައްޑޫ ސިޓީގައި ކަރަންޓުގެ މައްސަލަ ދޭތެރެ ދޭތެރެއިން ކުރިމަތިވެެއެވެ.

އައްޑޫ ސިޓީ މޭޔަރު ނިޒާރު ވިދާޅުވެފައިވާ ގޮތުގައި އައްޑޫގައި ކަރަންޓުގެ މައްސަލަ ދިމާވަނީ ކޭބަލްތަކަށް ގެއްލުންވެފައިވާތީ ކަމަށެވެ.

ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކައުންސިލާއި ފެނަކައިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ކައުންސިލުން ބުނީ އެންމެ ފަހުންވެސް އައްޑޫގައި ކަރަންޓުގެ ޚިދުމަތް ކެނޑެން މެދުވެރިވީ އެ ސިޓީގެ އެކި ހިސާބުތަކުގައި މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އެގޮތުން އެންމެ ފަހުން އައްޑޫއިން ކަރަންޓު ކެނޑުނީ ކަރަންޓު ކޭބަލްތަކަށް ގެއްލުން ލިބުމުންނެވެ.

ކައުންސިލުން ބުނީ ކަރަންޓުގެ ޚިދުމަތް ކެނޑޭއިރު ގިނަ ފަހަރު ކޭބަލަށް ލިބޭ ގެއްލުން ވަގުތުން ފާހަގަނުކުރެވޭ ކަމަށާއި އެކަން ފާހަގަކުރެވެނީ ފަހުން ކަމަށެވެ. އަދި ކަރަންޓު ދިނުން ލަސްވަނީ އެ ސަބަބާ ހުރެގެން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން