މާފުށީ ޖަލު
މާފުށީ ޖަލު
ޖަލަށް މަނާތަކެތި ވައްދާކަމުގެ ތުހުމަތުގައި ހައްޔަރުކުރި 5 ޕްރިޒަން އޮފިސަރުންގެ ތެރެއިން 3 އޮފިސަރަކާއެކު ދަޢުލަތުން އަދަބު ލުއިކޮށްދިނުމުގެ އެއްބަސްވުމެއް އެކުލަވާލައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން އެ ސަރވިސްގެ ވަޒީފާގައި ތިބެ، ޤާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބުތަކާއި ޚިލާފުވެ، ވަޒީފާގައިތިބެ ހިންގުން ހުއްދަނޫން ކަންކަމުން މާލީ މަންފާ ހޯދައި، ވަޒީފާއާއި ނުބައްދަލު ފައިސާގެ މުއާމަލާތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަޙުޤީޤެއް ހިންގައި 5 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް 22 އޮގަސްޓު 2024 ދުވަހު ކްރިމިނަލް ކޯޓަށް ވަނީ މައްސަލަ ހުށައަޅާފައެވެ.

އެ ފަސް މީހުންގެ ޝަރީއަތް ފަށައި، ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އޭގެ ތެރެއިން ޖިނާހާއި ފަތޫހު އަދި އަސްފާގާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމުގެ ދަށުން، އެ މީހުނަށް ދޭން ނިންމާފައިވާ ލުއިތަކެއް ދައުލަތުން ހާމައެއް ނުކުރެ އެވެ.

މިއަދުގެ އަޑުއެހުމުގައި ދިފާއީ ވަކީލުން ވިދާޅުވެފައިވަނީ އިއުތިރާފްގެ އެއްބަސްވުމާ އެކު، ކުރިއަށް ދިއުމުގެ ކުރިން މައްސަލާގެ ބައެއް ލިޔުންތައް ދިރާސާކުރަން ބޭނުންވާ ކަމަށެވެ.

އެހެންކަމުން، އެ މައްސަލަ ބައްލަވާ ޤާޟީ އިސްމާއިލް ޝަފީއު ވިދާޅުވީ މަދުވާ ކަމަށް ދިފާޢުން ފާހަގަކުރާ ލިޔުންތައް ހޯދުމަށް 10 ދުވަސް ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށައެޅުމުުން ދައުލަތުން އެލިޔުންތައް ވަކީލުންނަށް ފޯރުކޮށްދިނުމަށެވެ.

މި މައްސަލާގައި ދަޢުލަތުން ދަޢުވާ ކޮށްފައިވާ ފަތޫހުގެ ވަކީލެއް ނެތުމުން ވަކީލަކު ހަމަޖައްސަން އޭނާއަށް ޤާޟީ މިއަދު ފުރުސަތު ދެއްވި އެވެ.

އެމައްސަލާގައި ދައުވާ އުފުލާފައިވާ ފަސް މީހުންގެ ތެރެއިން ރ.އުނގޫފާރު އައިވަރީ ހައުސް ޖިނާހު އަބްދުއްރަހީމާއި ކ. މާފުށީ ބީޗްހައުސް އަލީ ހިޝާމްގެ މައްޗަށް ތިން ދައުވާއެއް ކުރަން ހުށަހަޅާއިފައިވެއެވެ. އެމީހުންގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލާގައި ދެން ދައުވާ ކުރާ ހދ. ނޭކުރަންދޫ ތަރާނާގޭ އަލީ ނާޒިމް އާއި ގއ. ވިލިނގިލީ ކުއްޅަވައްގެ މުހައްމަދު ފަތޫހު އަބްދުﷲ އާއި ނ. ލަންދޫ ކާމިނީގޭ އަލީ އަޝްފާގުގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެއެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށުގެ ދައުވާއެވެ.

ފުލުހުން ބުނީ މާފުށީ ޖަލަށް މަނާތަކެތި ވެއްދުމުގައި ޖަލު އޮފިސަރުންގެ 18 މީހަކު ބައިވެރިވި ކަމަށެވެ. އަދި އެމީހުންގެ އެކައުންޓުތަކަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން އެއް އޮފިސަރެއްގެ އެކައުންޓަށް އެކި ފަހަރު މަތިން ޖުމްލަ 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން