ބޭރުފައިސާ މާރު ކުރުމާއި ގުޅޭ ގަވާއިދަށް ސަރުކާރުން ގެނައި އިސްލާހަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ފާޑުވިދާޅުވުމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީނު ރައްދުދެއްވައިފިއެވެ.

އެމްއެމްއޭއިން އިއްޔެ އަމަލުކުރަން ފެށި ގަވާއިދުގެ ދަށުން ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ވަކި ރޭޓަކުން ރާއްޖޭގެ ބޭންކަކުން ޑޮލަރު މާރުކުރަންޖެހޭނެއެވެ.

އެއާއި ގުޅިގެން ޝާހިދު އެކްސްގައި ވިދާޅުވީ، ބޭރުފައިސާއާއި ބެހޭ ގަވާއިދާއި މަނީޗޭންޖިންގ ވިޔަފާރިއާއި ބެހޭ ގަވާއިދަށް ގެނައި ބަދަލުތައް ގެނެސްފައިވަނީ ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާކޮށްގެން ނޫންކަމަށާއި އެއީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއްކަމަށެވެ.

އަދި އޭގެ ސީދާ އަސަރު ކުރާނެ އެއްބަޔަކީ ރާއްޖޭގެ އެންމެބޮޑު ސިނާއަތު ކަމުގައިވާ ފަތުރުވެރިކަން ކަމަށްވާއިރު އެދާއިރާގެ ފަރާތްތަކާއި މަޝްވަރާ ކުރުމަކީ މުހިންމު ކަމެއްކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޝާހިދުގެ އެ ވާހަކައަށް ރައްދު ދެއްވަމުން މަތީނު މިއަދު ވިދާޅުވީ، ހުރިހާ އާރަކާ ބާރެއް ފަސްއަހަރު ހޯދައިގެން ތިއްބަވައި، ރައްޔިތަކަށް ލުއިފަސޭހަވާނެ ކަމެއް ކުރީ ސަރުކާރުގައި ކޮށްފައި ނުވާކަމަށެވެ.

އަދި ޝާހިދަކީ، މަދުބަޔަކު ދައުލަތަށް ދައްކަންޖެހޭ 4 ބިލިއަން އެއްބުރަށް މާފުކޮށްދީ ގައުމު މަތިމައްޗަށް ދަރުވާލާ އިނދަޖައްސާލުމުގެ މޭސްތިރިއެއްގެ ގޮތުގައި މަތީނު ވަނީ ސިފަ ކުރައްވާފައެވެ. އަދި ޝާހިދު އުޅުއްވަނީ ރައްޔިތަކަށް ލުޔެއް ލިބިދާނެކަމުގެ ބިރަށްކަމަށް ވެސް މަތީނު ވަނީ ވިދާޅުވެފައެވެ.



"މަދުބަޔަކު ދައުލަތަށް ދައްކަންޖެހޭ 4 ބިލިއަން އެއްބުރަށް މާފުކޮށްދެއްވާ ގައުމު މަތިމައްޗަށް ދަރުވާލާ އިނދަޖައްސާލުމުގެ މޭސްތިރިން މި ތިލަވަނީ ރައްޔިތަކަށް ލުޔެއް ލިބިދާނެ ކަމުގެ ބިރަށް. ފިތުނަ ދޮލަނގު އިސްތަށިފުޅު މައްޗަށް ލައްވައިގެން ތިޔަހެން ނިކުންނަވާ ކޮންމެ ފަހަރަކު ސާފުވެގެންދަނީ ރައްޔިތަކަށް ހެވެއް ނޭދޭ މިންވަރު." މަތީނު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

މަތީނު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ ސަރުކާރުން މި ގެނައި ބަދަލުތަކާއިމެދު ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން