އިބްރާހިމް ފަހީމް   3 އޮކްޓޯބަރު 2024 - 0:32
މާލީ މިނިވަންކަން ހޯދުމަށްކަމަށްބުނެ އެމްޑީޕީން ރިއަލްއެސްޓޭޓް ވިޔަފާރިއަށް ވަންނަން ނިންމައިފިއެވެ.

މިރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވީ، އެމްޑީޕީއަށް 19 އަހަރު ވެފައިވާއިރު ވެސް އަމިއްލަ ފައިމައްޗަށް ތެދުވެވިފައި ނުވާކަމަށެވެ. އަދި ޕާޓީ ހިންގަން ވަރަށް ގިނަ ފައިސާ ބޭނުންވާ ކަމަށާއި އެހެންކަމުން މާލީ މިނިވަންކަން ހޯދަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، އެކަމަށް ހައްލެއް ހޯދުމަށް ރިއަލްއެސްޓޭޓް ވިޔަފާރިއަށް ވަންނަން މިހާރު ވަނީ ނިންމާފައި ކަމަށާއި، ސިޔާސީ ޕާޓީތަކުން ވިޔަފާރި ކުރުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން ހުއްދަކުރާ ކަމެއްކަމަށެވެ.

އެހެންކަމުން، ކޮންމެވެސް ގޮތަކުން ވިޔަފާރި ހުއްދައެއް ނަގައިގެން އެ މަސައްކަތް ފައްޓަވާނެ ކަމަށާއި އެކަމަށްޓަކައި މިހާރު ވެސް އެމްޑީޕީން ވާނީ ސަރުކާރަށް ސިޓީއެއް ފޮނުވާފައިކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ރިއަލްއެސްޓޭޓް ވިޔަފާރިއަށް ވަނުމުގެ އިތުރުން އެމްޑީޕިން އެކެޑަމީއެއް ހިންގަން ނިންމާފައިވާކަމަށް ވެސް މިރޭ ފައްޔާޒު ވަނީ ވިދާޅުވެފައެވެ. ފައްޔާޒު ވިދާޅުވިގޮތުން އެ އެކެޑަމީއަކީ ސިޔާސީ ދާއިރާއަށް މީހުން ތަމްރީނު ކުރުމަށް އުފައްދާ އެކެޑަމީއެކެވެ.

ސިޔާސީ ޕާޓީތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ރުފިޔާއެއް ހޭދަކުރެއެވެ. އެގޮތުން، ފާއިތުވި 2023 ވަނަ އަހަރު ވެސް އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ އެމްޑީޕީއަށެވެ. އެމްޑީޕީއަށް މިދިޔަ އަހަރު 14 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން