އެމްޑީޕީން މާލީ މިނިވަންކަން ހޯދުމަށްކަމަށް ބުނެ ރިއަލްއެސްޓޭޓް ވިޔަފާރިއަށް ވަންނަން ނިންމާފައިވާކަން ހާމަކުރުމާއި ގުޅިގެން އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މުސާ މަނިކު އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.

މިރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވަނީ ޕާޓީއަށް މާލީ މިނިވަންކަން ހޯދުމަށްޓަކައި ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމާފައިވާކަމަށާއި އެކަމަށްޓަކައި ނަގަންޖެހޭ ހުއްދަތައް ނެގުމަށް ސަރުކާރުގައި އެދިފައިވާކަމަށް ވިދާޅުވެފައެވެ.

އަދި އޭގެ އިތުރުން، ސިޔާސީ މީހުން ތަމްރީނުކުރާ ކޯސްތައް ހިންގާ އެކެޑަމީއެއް ހިންގަން ނިންމާފައިވާކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

އެއާއި ގުޅިގެން މޫސަ އެކްސްގައި ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖޭގެ ރައްޔިތުންނަށް ވަރަށް މުހިންމު ގިނަ ސިޔާސީ މަސައްކަތްތަކެއް ކޮށްދީ ރާއްޖެ ބަދަލުކުރި ޕާޓީއެއް ކަމަށެވެ. އަދި މޫސަ ފަދަ ބޭފުޅަކު ޗެއަރޕާސަން ކަމުގައި ހުންނެވިއިރު ޕާޓީއިން ފިލްމު ހަދައި ވިއްކާ، އެންމެން އެކްޓްކުރާ ވާހަކަ ދައްކަވާފައި ނުވާނެކަމަށް ވިދާޅުވިއެވެ.

އަދި އިގުތިސާދީ ވަޒީރަކު ޗެއަރޕާސަން ކަމުގައި ހުރުމަކީ ޕާޓީން ވިޔަފާރި ކުރަންޖެހޭ ސަބަބެއްތޯ މޫސަ ވަނީ ސުވާލު އުފައްދަވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެމްޑީޕީއަކީ އިސްލާހީ މަސައްކަތް ފަށައިގަނެގެން އައިއިރު އަދި ވެރިކަމުގައި ތިބި އިރާއި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އެކި ފަހަރުތަކުގައި ވެސް، ބޮޑެތި ސިޔާސީ ހަރަކާތްތަކެއް ހިންގި ޕާޓީއެކެވެ. އޭގެ ތެރެއިން ގިނަ ހަރަކާތްތަކަށް ޕާޓީގެ މެންބަރުން އަމިއްލަ ޖީބުން ވަނީ ބޮޑެތި ޚަރަދުތަކެއް ކޮށްފައެވެ. ނަމަވެސް، މިހާރު ޕާޓީގެ ކަންކަމަށް ޚަރަދުކުރަން ބޭނުންވާ މީހުން މަދުކަމަށް މީގެ ކުރިން ފައްޔާޒު ވަނީ ޓީވީ އިންޓަވިއުއެއްގައި ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން