ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް (ވ)
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް (ވ)
މީގެ ކުރިން ހައްޖު ކޯޕަރޭޝަން ހިންގާފައިވަނީ ކުންފުނި އުފެއްދި މަގްސަދާ އެެއްގޮތަކަށް ނޫން ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ މީޑިއާގައި ރޭ ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ އެމްޑީ ޝަކީލް ވިދާޅުވީ ސަރުކާރުން އެ ކޯޕަރޭޝަން އުފެއްދީ ހެޔޮ އަގެއްގައި މީހުން ހައްޖަށް ގެންދިއުމާއެކު ކުންފުންޏަށް ލިބޭ ފައިސާއިން އާމްދަނީ ލިބޭނެ އިތުރު ގޮތްތަކެއް ހޯދައި ޙައްޖުގެ އަގު އިތުރަށް ކުޑަ ކުރުމަށް ކަމަށެވެ.

ނަމަވެސް މިދިޔަ 11 އަހަރުގެ ތެރޭގައި އެކުންފުނި ހިންގާފައިވަނީ ހައްޖާއި އުމްރާއަށް މީހުން ގެންދާ ގްރޫޕެއްގެ ގޮތުގައި ކަމަށާއި އޭގެ ސަބަބުން އަހަރަކު ސާޅީހަކަށް މިލިއަން ރުފިޔާގެ ގެެއްލުން ކުންފުންޏަށް ވެފައިވާ ކަމަށް ޝަކީލް ވިދާޅުވިއެވެ.

ކުންފުނި ހަރުދަނާ ކުރުމަށް މި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަ ކުރަށްވަމުން ޝަކީލް ވިދާޅުވީ މީގެ ކުރިން އެ ކޯޕަރޭޝަން ހިންގަމުން އައީ ސަރުކާރަށް ވަރަށް ބޮޑަށް ބަރޯސާވެގެން ކަމަށެވެ.

އަދި ކުރިޔާ ޚިލާފަށް ސައުދީ ސަރުކާރުން ގިނަ ޓެކްސްތަކެއް ނަގަމުންދާ ކަމަށާއި، އެއާލައިން ޓިކެޓުގެ އަގު ބޮޑުވެ، އެކޮމޮޑޭޝަންގެ އަގު ބޮޑުވެފައިވާތީ މީގެ 11 އަހަރު ކުރިން އެކުންފުނިން މީހުން އަތުން ނަގަމުން ދިޔަ އަގު މިހާރު ނަގާނަމަ ކުންފުންޏަށް ގެއްލުން ވަމުން ދާނެކަން ޝަކީލް ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން މިހާރު މަސައްކަތް ކުރަށްވަމުން ގެންދަވަނީ ސަރުކާރުން ކުންފުނި އުފެއްދި މަޤްސަދު ޙާސިލް ކުރުމަށްޓަކައި އެ ކުންފުންޏަކީ ފައިދާވާ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ތަނަކަށް ހެއްދެވުމަށް ކަމަށް ޝަކީލް ވިދާޅުވިއެވެ.

އެގޮތުން ހުޅުމާލޭގައި ހައްޖު ކޯޕަރޭޝަނުން ހައުސިން މަޝްރޫއުއެއް ހިންގަން ނިންމައި، ދެބިމެއް ގަނެފައިވާކަމަށް ޝަކީލް ވިދާޅުވިއެވެ. އޭގެ ތެރެއިން އެއް އިމާރާތުގެ ޑިޒައިންގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާ މިހާރު ވަނީ ހަވާލުކޮށްފައެވެ.

އޭގެއިތުރުން ނުވަ ފްލޯގެ އޮފީސް އިމާރާތެއް އެޅުމަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލު ކޮށްފައިވާއިރު އެމަސައްކަތް މިހާރު ދަނީ ކުރިއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން