މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑު މެމްބަރުކަމާއި، އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަނުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ، ފިރުޒުލް މި މަޤާމަށް އައްޔަނުކޮށްފައިވަނީ 2026 ޖުލައި 1 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ހައްޖު ކޯޕަރޭޝަންގެ ހިންގުމާ ފިރުޒުލް ހަވާލުވެވަޑައިގެންފައި މިވަނީ، އެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނު ކުރަށްވާފައިވާތީ އެ މަޤާމު ހުސްވުމާ ގުޅިގެންނެވެ.

މުޙައްމަދު ފިރުޒުލް އަކީ މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، މި ސަރުކާރުގެ އިންތިޤާލީ މަރުޙަލާގައި ތަރުޖަމާނެއްގެ ގޮތުން އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރަށްވާފައެވެ.

ފިރުޒުލް އަކީ މިސްރުގެ އަޒްހަރު ޔުނިވާސިޓީން ޝަރީއާ އެންޑް ލޯ އިން މަތީ ތައުލީމް ހާސިލް ކުރަށްވާފައިވާ ބޭފުޅެކެވެ. ހަމައެއާއެކު އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިލްމު އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމުވެސް ފިރުޒުލް ވަނީ އަދާކުރަށްވައިފައެވެ.

ހައްޖު ކޯޕަރޭޝަނަކީ ދިވެހި ރައްޔިތުން ހައްޖާއި އުމްރާގެ މާތް އަޅުކަން އަދާކުރުމަށްޓަކައި ކުރާ ދަތުރުތައް އިންތިޒާމުކޮށް، އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.



ކިޔުންތެރިންގެ ހިޔާލު