ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައްލަވައިގެންފައިވާ ދެ އެޕާޓްމަންޓް ފުލުހުންނަށް ހަވާލުކުރުން ފަސްކޮށްދިނުމަށް ބައްސާމް އެދިވަޑައިގެންފި އެވެ.

ބައްސާމް ދެ އެޕާޓްމަންޓް ބައްލަވައިގެންނެވީ ފީފާއިން އެފްއޭއެމަށް ދިން ފައިސާއިންނެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ އިރު އެ ދެ އެޕާޓްމަންޓް މިއަދުގެ ކުރިން ފުލުހުންނާ ހަވާލުކުރަން ވެސް އޮތީ އަންގައިފަ އެވެ.

ނަމަވެސް ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ އެ ދެ އެޕާޓްމަންޓް ހަވާލުކުރުން މި މަހުގެ 31ގެ ނިޔަލަށް ފަސްކޮށްދިނުމަށް އެދި ބައްސާމްގެ ވަކީލުން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެ ސިޓީއަށް ޖަވާބު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ކުރިން ބުނީ މިއަދުގެ ކުރިން އެ ދެ އެޕާޓްމަންޓް ހަވާލުނުކޮށްފިނަމަ ފުލުހުންގެ ބެލުމުގެ ދަށަށް އެތަންތަން ނަގާނެ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ބައްސާމް އަމިން އެވެނިއުއިން ދެ ފުލެޓު ގަތީ އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ކަމަށެވެެ. އެ ކަމަށް އެފްއޭއެމްގެ ފަައިސާއިން 3،084،000 ރުފިޔާ ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެ ގޮތުން، އެފްއޭއެމުން އަމީން އެވެނިއުއަށް އޭޕްރީލް 14، 2021 ގައި އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ފުލުހުން ބުނެފައިވެއެވެެ. އަދި އެއަދަދަށްވާ ވަރަށް ދިވެހި ރުފިޔާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި ކަމަށް ދައްކަން ލިޔެކިޔުންތަކެއް ތައްޔާރުކޮށްފައިވީ ނަމަވެސް އެ ފައިސާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެެވެ.

އެ ފައިސާއަކީ ކޮވިޑު ތެރޭގައި ކުލަބުތަކަށް ފައިސާ ދޫކުރަން ދުނިޔޭގެ ފުޓުބޯޅަ އިދާރާ، ފީފާއިން އެފްއޭއެމަށް ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން