އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެފްއޭއެމްގެ ފައިސާއިން ފުލެޓު ގަތް މައްސަލައިގައި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކޮށްފައިވާ ދަޢުވާތަކުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.

އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އެކައުންޓަކަށް 2018 ވަނަ އަހަރު ފީފާއިން ޖަމާކުރި ފައިސާގެ ތެރެއިން 9،999 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އާއި ޚިޔާނާތްތެރިވުމުގެ ދައުވާ ދަޢުލަތުން ވަނީ އުފުލާފައެވެ.

ބައްސާމްގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން މިއަދު އެދިފައިވަނީ ބީއެމްއެލްގައި ހުޅުވާފައިވާ ހަތް އެކައުންޓެއްގެ ސްޓޭޓްމަންޓްތައް ސިއްރުކޮށްދިނުމަށެވެ. އެގޮތުން އެ އެކައުންޓުތަކަކީ ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް ޖަމާކުރި އެފްއޭއެމްގެ 9،999 ޑޮަލަރު، ޖަމާކޮށްފައިވާ އެހެނިހެން މީހުންގެ އެކައުންޓުތަކުގެ ސްޓޭޓްމަންޓުތައް ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެއެވެ.

އެހެންކަމުން ދިފާއުން އެ ސްޓޭޓްމަންޓްތައް ބަލަން ބޭނުންވެއްޖެ ނަމަ ދައުލަތުގެ ހާޒިރުގައި ކޯޓުގައި އެ ސްޓޭޓްމަންޓްތައް ހުރި ސީޑީ ބެލޭނެ އިންތިޒާމު ހަމަޖެހޭ ގޮތަށް ހެކިތައް ރައްކާތެރިކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް ދަޢުލަތުން އެދިފައިވެއެވެ.

އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ޤާޟީ އިސްމާއިލް ޝަފީއު މިއަދު ވިދާޅުވީ ހެކި ރައްކާކުރުމުގެ އަމުރަކަށް އެދި ދަޢުލަތުން ހުށައަޅާފައިވާ ފޯމު މިއަދުގެ އަޑުއެހުމަށް ފަހު ދިފާޢަށް ހަވާލުކުރައްވާނެ ކަމަށެވެ. އަދި ދެން އަންނަ އަޑުއެހުމެއްގައި ހެކި ރައްކާތެރިކުރުމާ ބެހޭ ބެހޭ ގޮތުން ގޮތެއް ނިންމަވާނެ ކަމަށް ޤާޟީ ވިދާޅުވިއެވެ.

އޭގެ އިތުރުން ދިފާއަށް ނުލިބޭ ލިއުންތައް މި މަހުގެ 23ގެ ނިޔަލަށް އެފަރާތަށް ޙަވާލު ކުރުމަށާއި މި މަހުގެ ފަހުކޮޅު މި މައްސަލާގައި އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވުމަށްފަހު ޤާޟީ ވަނީ މިއަދުގެ އަޑުއެހުން ނިންމަވާ ލައްވާފައެވެ.

ފީފާއިން އެފްއޭއެމްއަށް ލިބިފައިވާ ޑޮލަރު މާރުކުރުމަށް ކަމަށް ބުނެ 9،999 ޑޮލަރު އެ އިދާރާގެ އެކައުންޓުން ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް ބޭނުން ކޮށްފައިވާތީ އޭނާގެ މައްޗަށް ޝަރީޢަތް ކުރަމުންދާއިރު އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި ބައްސާމަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެ މައްސަލަތަކާ ގުޅިގެން ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައި އަމީން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް މިހާރުވަނީ ގެންގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން