ޢާއްމު ވެފައިވާ ވީޑިއޯއިން ނަގާފައި
ޢާއްމު ވެފައިވާ ވީޑިއޯއިން ނަގާފައި
ނުރައްކާތެރިކޮށް ވާދައަށް ލޯންޗު ދުއްވި 3 ކެޕްޓަނުންގެ ލައިސެންސް ވަގުތީގޮތުން ހިފަހައްޓާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މީސް މީޑިޔާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ތިން ލޯންޗެއް ވާދައަށް އއ. ތޮއްޑޫ ނެރުން ވަނުމަށް މަސައްކަތްކުރާ މަންޒަރެވެ. އެގޮތުން “ރިލެކްސް ގޯލްޑް” ލޯންޗް ނެރުން ވަންނަނިކޮށް “ނަސްރު ސްޕީޑް” ލޯންޗް ފަހަތުން އައިސް ނެރުން ވަންނައިރު، ދެ ލޯންޗް ވެސް ސްޕީޑަށް ބަދަލު ގެނެސްފައެއް ނުވެއެވެ.

އަދި އެ ދެ ލޯންޗްގެ ފަހަތުން “ރަމްޒު ކްއީން” ނަމަކަށް ކިޔާ ލޯންޗެއް ވެސް ބާރު ސްޕީޑުގައި އައިސް ބަނދަރަށް ވަންނަ މަންޒަރު އެ ވީޑިއޯގައި ފެނެއެވެ.

މިވީޑީއޯ މީސްމީޑިއާގައި ޢާއްމުވުމާ ގުޅިގެން ފުލުހުން މީގެކުރިން ބުނެފައިވަނީ މި ލޯންޗްތަކަކީ 2024 އޯގަސްޓް 13 ވަނަ ދުވަހު އއ އަތޮޅަށް ދަތުރުކުރި ލޯންޗްތަކެއް ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

އެ މައްސަލައިގެ އިތުރު މަޢުލޫމާތު މީޑިއާއަށް މިއަދު ޙިއްސާ ކުރަށްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ލޯންޗުތައް ދުއްވި މީހުންގެ ލައިސެންސް ވަގުތީގޮތުން ހިފެހެއްޓީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

އޭގެ އިތުރުން އެ މައްސަލައާ ގުޅޭ ލިޔުންތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ މައްސަލައާ ގުޅިގެން އަޅާނެ ދާއިމީ ފިޔަވަޅެއް ނިންމާނީ އެ މިނިސްޓްރީން ކަމަށް މީޑީއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ފުލުހުން މިކަން ހާމަކޮށްފައިވާއިރު ލޯންޗުތައް ދުއްވި މަންޒަރު މީސް މީޑިއާގައި ޙިއްސާކުރި މީހާ ބުނެފައިވަނީ އެ ތިން ލޯންޗަކީ ޢާއްމުކޮށް ބާރު ސްޕީޑުގައި ދަތުރުކުރާ ތިން ލޯންޗު ކަމަށާއި އޭގެން ދަތުރުކުރާ މީހުންގެ ފުރާނައާ މެދު ލޯންޗުގެ ކެޕްޓަނުން ނުވިސްނާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން