ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލު ޖަލީލު ގަތް ކަމަށް ބުނާ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރުމަށް ފަހު އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.

ބައްސާމް ދެ އެޕާޓްމަންޓް ގަތް ކަމަށް ފުލުހުން ބުނަނީ، ކޮވިޑު ތެރޭގައި ކުލަބުތަކަށް ފައިސާ ދޫކުރަން ދުނިޔޭގެ ފުޓުބޯޅަ އިދާރާ، ފީފާއިން އެފްއޭއެމަށް ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ފައިސާއިން ކަމަށެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ އިރު އެ ދެ އެޕާޓްމަންޓް މިދިޔަ އާދިއްތަ ދުވަހު ހަވާލުކުރަން ފުލުހުން އެންގުމުން ބައްސާމް އެ މުއްދަތުގައި އެތަންތަން ހަވާލެއް ނުކުރި އެވެ. ފުރަތަމަ ފުލުހުންވެސް އެ ތަންތަން ހަވާލުކުރުމުގެ މުއްދަތު މި މަހުގެ 31 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްދިނުމަށް ފަހު ފަހުން އެެ ނިންމުން ބާތިލުކޮށް މިދިޔަ އަންގާރަ ދުވަހުގެ ރޭ 12 ޖެހުމުގެ ކުރިން އެ ތަންތަން ހަވާލުކުރަން އެންގި އެވެ.

ބައްސާމް އެ ދެ ތަން ހަވާލުކުރީ އަންގާރަ ދުވަހުގެ ރެއެވެ.

ނަމަވެސް ބައްސާމް ދެ އެޕާޓްމަންޓް ހަވާލުކުރި ދުވަހު ވަނީ އެ މައްސަލަ ހައިކޯޓަށް ވެސް ހުށަހަޅައިފަ އެވެ.

ހައި ކޯޓުގެ ރެޖިސްޓްރީއިން ފެންނަގޮތުން އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން