ހުޅުމާލެއަށްދާ ހައިވޭގައި ދުއްވި ސައިކަލެއްގައި ކުޑަކުއްޖަކު ސައިކަލު ދުއްވަން ދީގެން އިން މީހާގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ، އެ މައްސަލާގައި ހިމެނޭ މީހާ ފުލުހަށް ހާޒިރުކޮށް މިއަދު ސުވާލުކޮށްފައި ވާނެކަމަށެވެ. އަދި އޭނާ ގަސްދުގައި ކުޑަކުއްޖަކު ނުރައްކަލަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގުކުރަން ފަށާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، އޭގެ އިތުރުން ޓްރެފިކް ގާނޫނާއި ޚިލާފުވި މައްސަލާގައި ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީގައި އެދުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުން ކަމަށާއި މި މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުންގެ ފަރާތުން އަޅާނެކަމުގެ ޔަގީންކަން ދޭކަމަށެވެ.

މިއަދު އާންމުވި ވީޑިއޯއިން ފެންނަނީ ފިރިހެނަކު ކުޑަ ފިރިހެން ކުއްޖަކުއަތަށް ހުންގާނު ދީގެން އިނދެ ދުއްވާ މަންޒަރެވެ.

އެހެން ނަމަވެސް ހައިވޭ ކަހަލަ ތަނެއްގައި ކުޑަކުއްޖަކު އަތަށް ސައިކަލު ދުއްވަން ދަސްކޮށްދޭން ވެސް ހުންގާނު ދީގެން ދުއްވުމަކީ ވަރަށް ނުރައްކާކަމެއް ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ވަނީ އެކަން ކުށްވެރިކޮށްފައެވެ. ވީޑިއޯއިން ފެންނަގޮތުން އެ ކުއްޖާއަށް އަދި ވާނީ ގާތްގަނޑަކަށް ހަތަރެއް ނޫނީ ފަސް އަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން