މާލޭގެ ނުވަ ބުރީގެ އިމާރާތަކުން މިދިޔަ އޮގަސްޓު މަހު ވެއްޓި މަރުވި ވިފާގު އިބްރާހިމް އަދުނާން ދިރިއުޅެމުން އައި ގެއިން އޭނާގެ ދޮންބައްޕަ، ރައްޔިތުންެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް، ވިފާގު ނެރެލިކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.

ވިފާގުގެ މަރާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ފުލުހުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ވިފާގު އެއް ފަހަރު ހިތްހަމަ ނުޖެހިގެން ގެއިން ނުކުމެގެން ދިޔަ ކަމަށެވެ. އެއީ ވިފާގުގެ މަންމައާ ބާރަށް ވާހަކަ ދެއްކުމުން ނާޒިމް ބުނި އެއްޗަކާ ގުޅިގެން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެގޮތަށް މަންމައާ ވާހަކަ ދައްކަންޏާ އެ ގޭގައި ނޫޅެވޭނެ ކަމަށް ނާޒިމް ބުނިތަނާ ވިފާގު ރުޅި އައިސްގެން ގެއިން ނުކުމެގެން ދިޔައީ ކަމަށް ތަހުގީގުން އެނގުނު ކަމަށް ޝިފާއު ވިދާޅުވި އެވެ. ގެއިން ނުކުމެގެން ވިފާގު ގޮސް ހުރީ ބުރިޖު ބަލާ ވިއު ޕްލެޓްފޯމްގައި ކަމަށާއި އެތަނަށް ފުލުހުން ވެސް ދިޔަ ކަމަށް ޝިފާއު ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަނެއް ދުވަހުގަ ވިފާގު އެ ކުރެވުނު ކަންތަކަށް މާފަށް އެދިފައިވޭ މަންމަ ފަރާތުން ވެސް ދޮން ބައްޕަ ފަރާތުން ވެސް." ޝިފާއު ވިދާޅުވި އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ވިފާގަކީ 2016 އިން ފެށިގެން ނަފްސާނީ ބަލި ތަހައްމަލުކުރަމުން ދިޔަ އަންހެނެކެވެ. އަަދި އޭނާ މީގެ ކުރިން ވެސް އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާ ކަމަށާއި އަދި އޭނާއަށް ޖިންސީ ގޯނާ ލިބިފައިވާ ކަމުގެ ހެއްކެއް ނެތް ކަމަށް ފުލުހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން