މި ސަރުކާރުން އެއްވެސް ތަފާތުކުރުމެއްނެތި ކައުންސިލްތަކަށް އެހީތެރިކަން ދެމުންދާނެކަމުގެ ޔަގީންކަން ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ދެއްވައިފިއެވެ.

އެމްޑީޕީން ބޭއްވި ކައުންސިލަރުންގެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް އާޒިމް ބޭނުންވި އެމްޑީޕީގެ 14 މީހަކު ކޮންސަލްޓެންޓުންގެ ގޮތުގައި ނަގަން ސަރުކާރުން ފުރުސަތު ދިން ކަމަށާއި އަދި ކައުންސިލް ހިންގުމުގައި ސަރުކާރުގެ ފަރާތުން ވެސް އެއްބާރުލުން ލިބެމުންދާކަމަށެވެ.

މޭޔަރުގެ އެވާހަކަތަކާއި ގުޅުވައި އާދަމް ޝަރީފް ފޭސްބޫކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް މާލީގޮތުން ހަރުދަނާ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ.

އެގޮތުން، ކައުންސިލްތަކަށް ފަޅުރަށްތައް ހޯދޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވި ކަމަށާއި، ރަށްރަށުން ނަގާ ޓެކްސްގެ 10 އިންސައްތަ ކައުންސިލްތަކަށް ލިބޭނެ ނިޒާމެއް ވެސް ވަނީ އިއުލާނު ކޮށްފައި ކަމަށާއި، ކައުންސިލްތަކުގެ އިދާރާތައް އެޅުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އަދި ތަފާތުކުރުމެއްނެތި މި ސަރުކާރުން ހުރިހާ ކައުންސިލްތަކަށް ފުރިހަމަ އެއްބާރުލުންދީ ކައުންސިލްތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށް މަގުފަހި ކޮށްދެމުން ދާކަމަށާއި އެކަން މީޑިއާގައި މިހާރު އެދަނީ ހާމަވަމުންކަމަށް ވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މޭޔަރު ނިސްބަތްވާ ޕާޓީގެ މެންބަރުންތަކަކަށް ވަޒީފާތަކެއް ދިންކަމަށް އެއްބަސްވެވަޑައިގެންނެވުމުން، އެއީ އެމްޑީޕީން އަބަދުވެސް ކަންކަން ކުރަމުންދިޔަ ގޮތްކަމަށާއި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރަން އެމްޑީޕީން އުޅޭކަމަށްބުނެ ދައްކަނީ ދޮގު ވާހަކަތަކެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން