މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަހާއި މަހުގެ އުފެއްދުންތައް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ބޯޓުތަކުގައި އެކްސްޕޯޓު ކުރުމާއި ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އެސްޓީއޯ ޓްރެއިނިންގް އިންސްޓްޓިއުޓްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެެއްގައި އެމްއެސްއެސްގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙުމަދު ޝަރީފެވެ. އަދި މިފްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއި ކުރެއްވީ މިފްކޯ ހިންގުމާ ހަވާލުވެހުންނެވި ސީއެފްއޯ އިލްޔާސް ޙަނީފެވެ.

މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި މިފްކޯއިން ބުނީ، މި ފަހުމުނާމާއިގެ ދަށުން، މިފްކޯގެ މަސް ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ހުރިހާ ލޮޖިސްޓިކްސް ސޮލިއުޝަންއެއް އެމްއެސްއެސްއިން ފޯރުކޮށްދޭނެ ކަމަށެވެ.

މިފްކޯއިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ އެ ކުންފުނީގެ ފެސިލިޓީތަކުން އެމްއެސްއެސްގެ ކޮންޓެއިނަރުތަކަށް މިފްކޯގެ އުފެއްދުންތަކުގެ ތެރެއިން ގަނޑުކޮށްފައިވާ މަސް, ދަޅުގައި ބަންދުކޮށްފައިވާ މަސް, ޓޫނާ ޕައުޗް އަދި ފިޝްމީލް ލޯޑުކޮށް، މި ކޮންޓެއިނަރުތައް އެމްއެސްއެސްގެ ލޯކަލް އިންޓަރ އެޓޯލް ޓްރާންސްޕޯޓް ކުރާ ބޯޓު "އެމްއެސްއެސް އޯޕަލް" މެދުވެރިކޮށް މާލެ ގެނެސްދޭނެ ކަމަށެވެ. އަދި މިތަކެތި ރާއްޖެއިން ބޭރަށް ދަތުރުކުރާ އެމްއެސްއެސްގެ ފީޑަރ ބޯޓުތަކުގައި އޭގެ މަންޒިލަށް އެކްސްޕޯޓް ކުރެވިގެންދާނެ ކަަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ޒަމާނުއްސުރެ މިފްކޯއިން މަސް އެކްސްޕޯޓް ކުރަމުން އައީ، ސަޕްލައި ދޯނިފަހަރުގައި ޖަނަރޭޓަރ ސެޓް ގުޅައި، އެއަށް ރީފަރ ކޮންޓެއިނަރު ލޯޑް ކޮށްގެން މާލެ ގެނެސް ނުވަތަ ރީފަރ އުޅަނދުފަހަރަށް ބަލްކްކޮށް މަސް ލޯޑުކޮށްގެންނެވެ.

އެމްއެސްއެސް މެދުވެރިކޮށް ދުނިޔޭގެ ކޮންމެތަނަކަށްވެސް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މި އެއްބަސްވުމުގެ ސަބަބުން މީގެ ކުރިން މަސް އެކްސްޕޯޓް ކުރަމުން އައި ގޮތް ބަދަލުވެ، މިކަމަށް ދާ ޚަރަދުތައް ކުޑަވެ، މިފްކޯގެ ސްޓޯރޭޖް ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ. އަދި އެހެން މާކެޓްތަކަށް ފަސޭހަކަމާއެކު މިފްކޯއަށް ވާސިލްވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަަށްވެސް ބުނެފައިވެއެވެ.

އެމްއެސްއެސްއާއެކު ފުރަތަމަ ފަހަރަށް ވެވުނު މި އެއްބަސްވުމުން ދެވޭ ޚިދުމަތުގެ ސަބަބުން އެމްއެސްއެސްއަށާއި، މިފްކޯ، އަދި ރާއްޖޭގެ އިގްތިސާދަށް، ޚާއްޞަކޮށް މަސްވެރިކަމުގެ ސިނާއަތަށް ފައިދާކުރާނެ ކަމަށް ބެލެވޭ ކަަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން