ހުޅުމާލޭގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަނެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުން ދިޔަ ހަތް ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އޮކްޓޫބަރު 13 ވަނަ ދުވަހު ހުޅުމާލެ ފޭސް އެކެއް ގައި ހުންނަ ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ފޭސް އެކެއްގައި ހުރި މިތަނަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް ބިދޭސީން ދިރިއުޅެމުން އަންނަ ތަނެއްކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އިމިގްރޭޝަނުން ބުނީ މިތަނުން ހައްޔަރު ކޮށްފައިވާ އެންމެންނަކީވެސް ފިރިހެނުން ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލު ހޯދުމަށްޓަކައި އިމިގްރޭޝަނުން މަސައްކަތް ކުރަމުން އަންނައިރު ގަވާއިދާ ޚިލާފަށް އުޅުނު 4000 އަށްވުރެ ގިނަ ބިދޭސީން އިމިގްރޭޝަނުން ވަނީ ޑީޕޯޓްކޮށްލާފައެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 4054 ބިދޭސީން ވަނީ އަނބުރާ އެ މީހުންގެ ޤައުމަށް ފޮނުވާލާފައެވެ. މިގޮތުން އެންމެ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލާފައިވަނީ މިއަހަރުގެ ޖޫން މަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން