އަރަފާތު ހުސައިން
އަރަފާތު ހުސައިން
ބުޅަލުގެ މަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝްގެ އަރަފާތު ހޮސައިން ޑީޕޯޓް ކޮށްލާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ބުޅަލުގެ މަސް ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރި ކަމަށް ތުހުމަތު ކުރެވުނު މައްސަލައާ ގުޅިގެން ފުލުހުން ޚާއްސަ ތަހުގީގެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އެ ތަޙުޤީޤުގައި، ބުޅާ މަސް އަޅައިގެން އަރަފާތު އެއްވެސް ކާ އެއްޗެއް ތައްޔާރުކުރި ކަމުގެ ހެކި ފެނިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް ޖިނާއީ ތަޙުޤީޤެއް ހިންގޭ ވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ، އެ މައްސަލައިގައި ފުލުހުން ކުރަމުން ދިޔަ ތަޙުޤީޤު ވަނީ ނިންމާލާފަ." ފުލުހުން މިއަދު ބުނެފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަރަފާތުވެސް އިމިގްރޭޝަނާ ހަވާލުކޮށް މިހާރު ވަނީ ޑިޕޯޓް ކޮށްފައި ކަމަށެވެ.

މިމައްސަލާގައި އިމިގްރޭޝަނުން މިއަދު ބުނީ އަރަފާތު ޑީޕޯޓް ކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް އިމިގްރޭޝަން ޤާނޫނާ ޚިލާފުވެފައިވާތީ ކަމަށެވެ.

އަރަފާތު ޑީޕޯޓް ކޮށްފައިވާއިރު އޭނާ ހައްޔަރުކުރި ދުވަސްވަރު ފެލީން ވެލްފެއާ އޯގަނައިޒޭޝަނުން ބުނެފައިވަނީ އަރަފާތަކީ ގަވާއިދާ ޚިލާފަށް މާލޭ ވަޅޯމަސް މާރުކޭޓުގައި މަސައްކަތް ކުރަމުންދާ މީހެއް ކަމަށާއި އޭނާ މާލޭ މަގުމަތިން ބުޅާ މަރައި، އޭގެ މަހުން ކާއެއްޗެހި ތައްޔާރުކޮށް، ޕާރުސަލް ހަދައިގެން ވިއްކާކަމުގެ ތުހުމަތު ކުރެވޭކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން