ޓެކްސް ބޮޑުކުރުމުން ދެން އާދައިގެ ދަށް ފަންތީގެ މީހުން ދުންފަތް ބޭނުންކުރާ މިންވަރު ކުޑަވާނެ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ދުންފަތުގެ ބާވަތްތަކުން ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ ބިލަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި މުސްތަފާ ވިދާޅުވީ ރާއްޖޭގެ ޒުވާނުން ވޭޕްއާ ދިމާލަށް ދިޔައީ ސިނގިރެޓްގެ ޓެކްސް ބޮޑުކުުރުމުން އަގުހެޔޮ އެފަދަ އެއްޗެއް ހޯދުމަށް ކަމަށެވެ.

އެހެން ނަމަވެސް ދެން ފެނިގެން ދިޔައީ ވޭޕްވެސް ނަހަމަ ގޮތުގައި ބޭނުންކުރާ މަންޒަރު ކަމަށް މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ ދުންފަތުގެ ޝިކާރައަކަށްވާން ރާއްޖޭގެ ޒުވާނުން މިއަދު ބޭނުންނުވާ ކަމަށެވެ. އަދި އެ ޒުވާނުން ބޭނުންވަނީ ދުންފަތާ ދުުރުހެލިވާން ކަމަށާއި އަދި ސަރުކާރުން ގެންނަ ބަދަލާއެކު ރާއްޖެ ވެގެންދާނީ ފްރީ ޓޮބެކޯ ގައުމަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މުސްތަފާ އިތުރަށް ވިދާޅުވީ ދުންފަތުގެ ޓެކްސް ބޮޑުކުރުމުގެ ސަބަބުން ދެން އާދައިގެ ކުޑަކުޑަކުދިންނަށް އޭގެ އިސްތިއުމާލުކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.

"އާދައިގެ ދިރިއުޅުމެއް އުޅޭ ބަޔަކަށް ގައިމު ވެސް މިކަން ކުރުމުގެ ފުރުސަތު ކުޑަވެގެންދާނެ. މިއީ އަޅުގަނޑުމެން ބައިވެރިވާ އެއް މުއާހަދާގައިވެސް ބަޔާންކުރަާ ވާހަކައެއް. އެއީ ދުންފަތުގެ އިސްތިއުމާލު ކުރާ ގިނަ އާބާދީއަކީ ހަގީގަތުގައި ދަށް ފަންތީގެ އާބާދީ." މުސްތަފާ ވިދާޅުވި އެވެ.

ހަމަ އެހެންމެ ދުންފަތުގެ ބާވަތްތައް އެންމެ ގިނައިން ބޭނުންކުރަނީ އެ އުފައްދާ ގައުމުތަކުގައި ނޫން ކަމަށާއި ނަމަވެސް މި ސަރަހައްދުގެ އާދައިގެ ދަށް ފަންތީގެ ގައުމުތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު